ރޯދަމަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން އިއުލާން ކޮށްފައި ވީނަމަވެސް، މިދުވަސްތަކުގައި ސަރުކާރު ވަޒީފާ އަދާކުރަން ނިކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދޭން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސްގެ މިނިންމެވުން އިއުލާން ކުރެއްވީ ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީޤް ސޮއި ކުރައްވައި އިއްޔެ ނެރުއްވި އިއުލާނެއްގައެވެ.

އިއުލާނުގައި ބުނެފައި ވަނީ ރޯދަމަހުގެ ފަހު 10 ގެ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އެކަނި ކަމަށެވެ. އަދި އިނާޔަތް ދިނުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ މުސާރައާ އެކުގައި ކަމަށެވެ.

ރޯދަ މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުކުރުމަކީ ނިމިިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް، ޑރ.މުއިއްޒުގެ ކެމްޕެއިން ވައުދެކެވެ. އެހެންނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކުން ދޭންޖެހޭ ބައެއް ޚިދުމަތްތަކީ މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކެއް ކަމުގައިވާތީ ހަމަޖެހޭ އުސޫލެއްގެ މަތިން މުވައްޒަފުން ނެރެން ޖެހެނީއެވެ.

ފަހު ދިހައެއްގެ ބަންދާއި ފިތުރު ޢީދުގެ ބަންދަށްފަހު ދެން ސަރުކާރު ހުޅުވޭނީ އޭޕްރީލް 14 ވަނަ ދުވަހުއެވެ.