ރަމަޟާން މަހުގައި މުސްލިމުންނަށް، ބަދުރު ހަނގުރާމަ އާއި މައްކާ ފަތަހަ ކުރެވުނު ހާދިސާއިން ލިބިގެންދިޔަ މުހިންމު ކާބިޔާބީ އާއި އެއިން ލިބޭ ފިލާވަޅުތައް މިއަދުގެ ހުކުރު ޚުތުބާގައި ކިޔައިދީފިއެވެ.

މިއަދުގެ ހުތުބާގެ މައުޟޫއަކީ ''ކާމިޔާބީ ތަކުގެ މައްސަރެއް'' އެވެ.

އެގޮތުން މި ޚުތުބާގައި ވިދާޅުވެފައިވަނީ ހިނގަމުންމިދާ މަހަކީ ބަރަކާތުން ފުރިގެން ވާ މައްސަރެއް ކަމަށާއި މި މަހުގައި މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކަމިޔާބީތަކެއް ދެއްވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ދެއްވި ނަޞްރެވެ. އެދުވަހަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހެވެ. އިސްލާމީ ތާރީހުގައި ފާހަގަކޮށްލެވޭ "يَوْمُ الْفُرْقَان" އެވެ.

މީގެއިތުރުން ބަދުރު ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ އަދުލުވެރިކަމުގެ ފިލާވަޅު ކަމަށާއި އެހެނީ މާތް ނަބިއްޔާ ސައްލަالله ޢަލައިހި ވަސައްލަމް އެހެން ބައެއްގެ މައްޗަށް އަދުލުވެރިކަން ހިންގެވުމުގެ ކުރިން ހުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް އަދުލުވެރިކަން އިސްކުރެއްވިކަން ޚުތުބާގައި ވިދާޅުވެފައިވެއެއެވެ. އަދި މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ. އަދި ރަސޫލު ސައްލަالله ޢަލައިހި ވަސައްލަމްގެ މައްޗަށް ވަހީ ބާވައިލައްވަމުން ދިޔަ އިރުވެސް، އެކަލޭގެފާނު ދެއްކެވި ނަމޫނާ އަކީ، އެކަލޭގެފާނަކީ އަމިއްލަފުޅު ރައުޔަށް ކަންކަންކުރައްވާ ބޭކަލެއް ނޫންކަން ފާހަގަކޮށްފައިވެއެވެ. އަދި މީސްތަކުންނަށް އަމަލީ ގޮތުން އެކަން މި ހަނގުރާމައިގެ ތެރޭގައި ފެނުނުނު ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއާއެކު މި ހަނގުރާމަޔަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އަބޫބަކުރުގެފާނު ވަރަށް ފުރިހަމައަށް ވާހަކަފުޅު ދެއްކެވި ކަމަށާ އަދި ޢުމަރުގެފާނު ވެސް ހަމަ އެފަދައިން ހިޔާލު ހުށައެޅުއްވި ކަމަށާއި ​ބަދުރު ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ އަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެކަން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ދެން މި މަހުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު، ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަހަކުރެއްވުމުގެ ކާމިޔާބީއެވެ. އެ ގޮތުން މި ޙުތުބާގައި ފާހަގަކުރައްވާފައިވަނީ މައްކާއިން ރަސޫލާ ސައްލަالله އަލައިހި ވަސައްލަމް ބޭރުކޮށްލެވުނު ހިނދު، އެކަލޭގެފާނު ނުކުމެވަޑައިގެންނެވީ އަބޫބަކުރުގެފާނާއެކު ގިނިކަންޏާއެކު ކަމަށާ ނަމަވެސް މައްކާ ފަތަހަކުރެއްވި ދުވަހު އެކަލޭގެފާނު މައްކާއަށް ވެދެވަޑައިގެންނެވީ ދިހަހާހަށްވުރެ ގިނަ އަސްހާބު ބޭކަލުންނާއިގެން ކަމަށެވެ.

މި މަތިވެރި ކާމިޔާބީ ލިބިވަޑައިގަތުމަށްފަހު، މައްކާގެ ރައްޔިތުން އެއްކުރައްވައި ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

"ތިޔަބައިމީހުން ހީކުރަނީ ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ދޭތެރޭ ކޮން ގޮތަކަށް ޢަމަލުކުރައްވާނެ ކަމަށް ހެއްޔެވެ؟" އެބައިމީހުން ދެންނެވޫއެވެ. "ހެޔޮކޮށް ކަންތައް ކުރައްވާނެ ކަމަށެވެ! ކަލޭގެފާނަކީ ދީލަތި އަޚެއްގެ ދީލަތި ދަރިކަލަކީމުއެވެ." އެހިނދު ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ދާށެވެ! ތިޔަބައިމީހުންނީ މިނިވަނުންނެވެ!"

މީގެއިތުރުން ޙުތުބާގައި ވިދާޅުވެފައިވަނީ ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމް މެދު އިހާނެތިކޮށް އެބައިމީހުން ކަންތައްކޮށްފައި ވީއިރުވެސް އެކަލޭގެފާނަށް އާރާއި ބާރު ލިބިވަޑައިގެން ހުންނަވައިމެ، އެމީހުންނަށް މައާފު ކުރެއްވި ކަމަށާ އެކަލޭގެފާނަކީ އޯގާވެރިކަމާއި ހިތްޕުޅު ތިރިކަމުގެ ލާމަސީލު ނަމޫނާ އެއްކަމަށެވެ.