ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު ޕައު ކުބާސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އެކްލަބުން ފަށާފިއެވެ.

ރިޕޯޓުތަކުން ހާމަ ކުރާ ގޮތުގައި ބާސާއިން ކުބާސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް ފެށީ, ކްލަބުތަކުން އޭނާއަށް ފާރަލުން އަންނާތީއެވެ. އެ ގޮތުން ޗެމްޕިއަންސް ލީގުގައި ބާސާ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުބާސީގެ ކުޅުން ބަލާލުމަށް ޕީއެސްޖީގެ ސްކައުޓުން ވަނީ ގޮސްފައެވެ.

ކުބާސީގެ ކޮންޓްރެކްޓް ހަމަވަނީ 2026 ވަނަ އަހަރަށެވެ. ކުބާސީގެ ކޮންޓްރެކްޓްގައި އަދި 2 އަހަރު އޮތް ކަމުގައިވި ނަމަވެސް އެހެން ކްލަބު ތަކުން ކުބާސީއަށް ފާރަލަމުން އަންނާތީ ބާސާ ވަނީ އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ.

ކުބާސީ މި ވަގުތު ސޮއި ކޮށްފައިވާ ކޮންޓްރެކްޓްގައި ވާ ގޮތުގައި އޭނާ ސޮއި ކުރަން ކްލަބަކުން ބޭނުންވާ ނަމަ ދައްކަން ޖެހެނީ އެންމެ 15 މިލިއަން ޑޮލަރެވެ. ބާސާއިން ހުށަހެޅި އާ ކޮންޓްރެކްޓުގައި މި އަދަދު ވަނީ 1 ބިލިއަނަށް މަތިކޮށްފައެވެ.

ކުބާސީ އާ ކޮންޓްރެކްޓުގައި ސޮއި ކުރާނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ނަމަވެސް ބާސާއަކީ އަބަދު ވެސް އެކްލަބުގެ ޒުވާން ތަރިން ބޭނުން ކޮށްގެން ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތް ކުރާ ކްލަބަކަށް ވާތީ, ކުބާސީ އެހެން ކްލަބަކަށް ދާން ބާސާއިން ދޫ ނުކުރާނެ ކަމަށް އެކި ފަރާތްތަކުން އަންނަނީ ލަފާ ކުރަމުންނެވެ.