ރައްޔިތުންގެ ފަރާތުން މިވަގުތު ސަރުކާރަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ "ސަންގު ޓީވީ" އަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް ހަތަރު މަސްވީ ނަމަވެސް ޒިންމާދާރު ނޫން އިދިކޮޅު ޕާޓީއަކުން އެތަކެއް ކަމެއް ކުރިމަތި ކުރުވައިފި ކަމަށާއި އަދި މިއީ ޗެެލެންޖެއް ގޮތުގައ ޤަބޫލް ކުރެއްވި ކަމަށެވެ. އިދިކޮޅުން ޒިއްމާދާރު ނޫން ކަންތައްތަކެއް ކުރިމަތި ކުރުވިނަމަވެސް އެމަނިކުފާނު ހުންނެވީ ރައްޔިތުން ހަވާލު ކުރި ޒިއްމާ އަދާ ކުރުމުގައި ސާބިތުވެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގައި ގިނަވުމަކީ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމެއް. އެކަން ފެންނަން މިއޮތީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައިވެސް. އެއްވެސް އަސާސެއްނެތި ކަންކަން ހުއްޓުވުމާއި ކަންކަމަށް ހުރަސްއެޅުމާ އެއްވެސް ސަބަބެއްނެތި، އެއްވެސް އަސާސެއްނެތި ކުރަމުންދާ (މަޖިލީހުގެ ތެރެއިން) ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވަމުންދާތަން ފެންނަމުން މިދަނީ. އެހެންވީމާ އަޅުގަނޑު ވަރަށް އުއްމީދު ކުރަން ރައްޔިތުން ސަރުކާރަށް ތާއީދު (ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި) ދެއްވާނެ ކަމަށް. ތިން ބައިކުޅަ ދެބަޔަކީ އަޅުގަނޑު ބޭނުންވާ ޓާގެޓް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް މިފަސް އަހަރު ތެރޭގައި ފުއްދަވާނެ ކަމަށެވެ. އެއީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.