ރާއްޖޭގެ ރައްޔިތުނަށް ބޭނުންވާ ކާނާގެ ބާވަތްތައް އުފެއްދާނެ މައި ހަބެއްގެ ގޮތުގައި އުތުރުތިލަފަޅު ތަރައްޤީ ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި ރޭ މާފަންނު ހުޅަނގު ދާއިރާގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ކާނާގެ ޔަގީންކަން ދެމެހެއްޓުމަށްޓަކައި އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކަވައި ދަނޑުވެރިވެރިކަމުގެ ބިޔަ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދަވާނީ އެތަނުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހެއްދޭ، ހެދޭ ބާވަތްތަކުގެ ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖެއިން ބޭރުން އެތެރެ ކުރަން އެތައް މިލިޔަން ޑޮލަރު ކޮންމެ އަހަރަކު ހޭދަކުރަން ޖެހޭ ކަމަށެވެ. މިކަމަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމެނޭއިރު ހައްލު ހޯއްދަވަން ބޭނުންވެވަޑައިގަންވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިފަސްއަހަރު ތެރޭގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އަޅުގަނޑުމެން އުފައްދާނަން. އަޅުގަނޑުމެންގެ ކެޕޭސިޓީ އަމިއްލަ އަށް ގާއިމް ކުރުމަކީ އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތުންނަށްޓަކައި މުސްތަގުބަލަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ބިންގާ ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އޭރުން އެތައް ހާސް ވަޒީފާއެއް އުފެދިގެން އެބަދޭ. އެތައް ރައްޔިތުންނަކަށް އާމްދަނީ ލިބިގެން އެބަދޭ. ފުދުންތެރިކަން ގާއިމް ކުރެވިގެން އެބަދޭ" ރައީސް ވިދާޅުވި އެވެ.

އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިންގ ކޮމްޕެނީ ލިމެޓެޑާއި އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) ގުޅިގެންނެވެ.