ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި، އެކަން ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުގައި ބަޔާންކުރަން ލާޒިމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނާނެ އިޞްލާޙުތަކާއި ގުޅޭގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން ފައްޓަވާފައިވާ މަޝްވަރާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ޕާޓިތަކުގެ ދަރަނީގެ މައްސަލަ ވަރަށް ބޮޑު މައްސަލައަަކަށްވެފައި ވާކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށްވެސް އެކަމުގެ އުނދަގޫތައް ކުރިމަތިވަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި މައްސަލައިގައި އަދިވެސް ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާކުރަމުންދާނަން. އަސާސީ ޤަވާއިދުގައި ޕާޓީގެ ދަންޏަށް ޒިންމާވާނެ ފަރާތެއް ނުވަތަ ޒިންމާވާނެ ގޮތެއް ކަނޑައަޅާފައޮތުން އެއީ ލާޒިމްކަމެއްކަމށް ހެދުމަށް ޤާނޫނު އެބަލާޒިމްކުރޭ. އަދި ކޮންމެ ލީޑާޝިޕެއް ބަދަލުވާއިރު، އެއްލީޑާޝިޕް އައިސްގޮސް އަނެއް ލީޑާޝިޕަށް ބަދަލުވާއިރުގަ އެޕާޓިގެ ދަރަނި ހާމަކުރަންޖެހޭނެކަމަށް. އަދި ކޮންމެ އަހަރަކު ހުށައަޅާ އަހަރީ ރިޕޯޓްގައިވެސް އެޕާޓިއެއްގެ ދަންނެއް އޮތްކަމަށްވާނަމަ އެދަންޏެއް ހާމަކުރަންޖެހޭނެކަމަށް. ބައެއް ޕާޓީތަކުން ދަންނޭއް އޮތްކަން ުވަތަ ނެތްކަން ހާމަކުރަނީވެސް ލީޑާޝޕް ބަދަލުވުމުން އެތައް ދުވަހެއްވާފަހުންނޭ އެބިލްތަކާއެއްޗެހި ފޮނުވަނީ. އެކަމަށް ހައްލެއް ގެނައުމަށްވެސް މިކަމުގައި ހިމެނުމަށް ސިޔާސީ ޕާޓީތަކުން މަޝްވަރާއައި." އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓިތަކުގެ ޤާނޫނު މިހާރު އޮންނަގޮތުން އެޕާޓިއެއްގެ ދަރަންޏާއި މެދު ޒިންމާވާނެ ފަރާތެއް ބަޔާންކޮށްފައެއް ނުވެއެވެ.

މިހާރު ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ޕާޓިއެއް އުވާލާހިނދު އެޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ އެޕާޓިގެ ނަމުގައި މިލްކްކޮށްފައިވާ ބިންބިމާއިި ޢިމާރަތްކޮށްފައިވާ ތަންތަނާއި އެންމެހާ މުދާ ވިއްކުމުން ލިބޭފައިސާ އިން އެދަރަނި އަދާ ކުރަން ޖެހޭނެ ކަމަށް ލާޒިމް ކޮށްފައެވެ.