އައްޑޫ ބްރިޖަކީ ހަމައެކަނި ތިރީހަކަށް ހަކަށް މީހުން ސައިކަލު ދުއްވާލަން އަޅާ ބްރިޖްއެއް ނޫން ކަމަށާއި އެއީ މުޅި އައްޑޫސިޓީގެ ތަރައްގީ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަމެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުދޫ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ޝާހިދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިތުރަށް ވިދަޅުވީ އެ ބްރިޖްގެ ސަބަބުން މުޅި އައްޑޫގެ އިތުރުން ދެކުނަށް އެތައް ގުނަ ތަރައްގީއެއް ލިބިގެންދާނެ ކަމަށާއި ބްރިޖް އެޅުމަކީ އެކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމެންޓެއް ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު އެ ސ. ހުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ބްރިޖްގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވީ މިހާރު ބްރިޖްގެ ސާވޭގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކުރެވުނު ސާވޭގެ މައްޗަށް ކުރަންޖެހޭ އެކިކަހަލަ ހިސާބުތައް ޖެހުމާއި ފީސިބިލިޓީގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެ މަސައްކަތް ނިމުމަށްފަހު ބްރިޖްގެ އަމަލީ މަސައްކަތް ކުރުމުގެ މަރުހަލާއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް، މި އަހަރު ނިމުމުގެ ކުރިން އެ ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބްރިޖް ނޭޅޭނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލު ނުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ހަމައެއާއެކު އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ސިޓީގައި ގާއިމްކުރާ އައްސޭރި ޓޫރިޒަމްގެ 6،000 އެނދުގެ މަޝްރޫއު ވެސް ދާދި އަވަހަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި ހަމައެކަނި ދައްކާ ވަހަކަތަކަށް ވުމުގެ ބަދަލުގައި އެއާޕޯޓް ތަރައްގީ ކުރުމާއި ސީޕްލޭން ހަބްގެ މަސައްކަތް ހިމެނޭހެން އައްޑޫއަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ބްރިޖުގެ މަޝްރޫއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވާވެއެވެ.