އިނގިރޭސި ޕްރިމިއާ ލީގުގައި 10 ކުޅުންތެރިނާއެކީ ކުޅުނު ބާންލީ އަތުން 2-2 އިން ޗެލްސީ ރޭ އެއްވަރުވެއްޖެއެވެ.
ޗެލްސީގެ ދަނޑު ކަމުގައިވާ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޗެލްސީއިންނެވެ. ޗެލްސޯ ވަނީ މެޗު ފެށިގެން ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ.
ޗެލްސީގެ ހަމަލާތައް މަތަކުރަމުން ދިޔަ ބާންލީއާ ދެކޮޅަށް މެޗުގެ އޮއިވަރު އެނބުރުނީ މެޗުގެ 40 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ލޮރެންޒް އެސިނޮންއަށް ދެރީނދޫ ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ފޯވާޑް މިކައިލޯ މުޑްރިކް ވައްޓާލުމުންނެވެ. އެއާއެކު ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ.
ޗެލްސީ މެޗުގެ ލީޑު ނެގީ އެސިނޮންގެ ފައުލުން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޯލް ޕާމާއެވެ. ޕާމާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ އެއް ލަނޑު ސުން ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބާންލީ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށް, 47 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބާންލީގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލާ ޗެލްސީއަށް އެ ޓީމުގެ ދެވަނަ ލަނޑު ޖެހުނީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ބާންލީގެ ޑިފެންޑަރު ޑާރާ އޯޝެއާ ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 10 ކުޅުންތެރިންނާއެކު ބާންލީ ދެއްކި މޮޅު ކުޅުމާއެކު ޗެލްސީއަށް ޖެހުނީ އެންމެ ޕޮއިންޓަކުން ފުއްދާލައިގެން ދަނޑުން ފައިބާށެވެ.
މެޗުން އެއްވަރުވުމާއެކު ޗެލްސީ އޮތީ ކުޅުނު 28 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ. ޗެލްސީ ހިފަހައްޓާލި ބާންލީ އޮތީ ކުޅުނު 30 މެޗުން ލިބުނު 28 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ވަނީ 2-1 އިން ލޫޓޮން އަތުން ކުރި ހޯދާފައެވެ. އޭގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑު ވަނީ 1-1 އިން ބްރެންޓްފޯޑު އަތުން އެއްވަރުވެފައެވެ.