ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު އަލްތައި އަތުން 5-1 އިން އަލްނަސްރު މޮޅުވެއްޖެއެވެ.
އަލްއައްވަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އަލްނަސްރުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި އޮޓާވިއޯއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އަލްތައިގެ ވާޖިލް މިސިޔަން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
އަލްތައިއަށް މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 36 ވަނަ މިނެޓުގައި, އެ ޓީމުގެ ލަނޑު ޖަހާދިން މިސިޔަންއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމެވެ. އަލްނަސްރުން ވަނީ, 10 ކުޅުންތެރިންނާއެކީ ކުޅެމުން ދިޔަ އަލްތައިގެ ގޯލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލައި, މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖަހާ މެޗުގެ ލީޑު އަނބުރާ ނަގާފައެވެ.
އަލްނަސްރުން އެ ޓީމުގެ ލީޑު ދެގޯލަށް ފުޅާކުރީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އަލްނަސްރުގެ ސުޕާސްޓާ ކްރިސްޓިއާނީ ރޮނަލްޑޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ރޮނަލްޑޯ ވަނީ އޭގެ ތިން މިނެޓު ފަހުން އޭނާގެ ދެވަނަ ލަނޑު ޖަހާ އަލްނަސްރުގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ.
ރޮނަލްޑޯ އޭނާގެ ހެޓްރިކް ކާމިޔާބު ކުރީ މެޗުގެ 87 ވަނަ މިނެޓުގައި އޭނާގެ ތިން ވަނަ ލަނޑު ޖަހައިގެންނެވެ. އެއާއެކު އޭނާ ވަނީ އޭނާގެ ކެރިއަރުގެ 64 ވަނަ ހެޓްރިކް ކާމިޔާބު ކޮށްފައެވެ. ރޮނަލްޑޯގެ ހެޓްރިކާއެކު އަލްނަސްރުން ވަނީ ފަސޭހަ ކަމާއެކު އަލްތައި ބަލިކޮށްފައެވެ.
މެޗުން މޮޅުވުމާއެކު އަލްނަސްރު އޮތީ ކުޅުނު 25 މެޗުން ލިބުނު 59 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް އަލްހިލާލަށް ލިބިފައިވަނީ 71 ޕޮއިންޓެވެ. މެޗުން ބަލިވި އަލްތައި އޮތީ ކުޅުނު 25 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.