ރައީސުލް ޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅު ފުއްދަވައި، ޑިޖިޓަލް ވޮލެޓުތަކުގެ އެހީގައި ފައިސާގެ މުއާމަލާތްތަށް ކުރެވޭ ގޮތް ހަމަޖައްސަވައި ދެއްވައިފިއެވެ.

ކުރިން ބެންކް އޮފް މޯލްޑިވްސް އިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކު ކޮށް، ފައިސާގެ މުއާމަލާތް ކުރެވޭ ގޮތް މިއަދު ހަމަޖައްސައިފިއެވެ. ބެންކް އޮފް މޯލްޑިވްސް އިން މިގެނައި ބަދަލާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން ބޭރުގައުމުތަކުން ހަދައިފައިވާ ޕޭޕަލް ފަދަ ޑިޖިޓަލް ވޮލެޓުތަކަށް ފައިސާ ފޮމުވާ އަދި އެވޮލެޓުތަކުން ފައިސާ ބަލައިގަނެވޭނެއެވެ. މީގެއިތުރުން ބީއެމްއެލް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކަށް ޑޮލަރު އެކައުންޓެއް ބޭނުންކޮށްގެން ފައިސާގެ ،މުއާމަލާތްތަށް ކުރެވޭނެ އިންތިޒާމު ބީއެމްއެލް އިން ވަނީ ހަމަޖައްސައި ދެއްވާފައެވެ.

ޑިޖިޓަލް ވޮލެޓުތަކުގެ އެހީގައި ފައިސާގެ މުއާމަލާތް ކުރެވޭ ގޮތް ހަމަޖައްސައިދެއްވުމަކީ ޑރ.މުއިއްޒު ރައީސްކަމަށް އިންތިހާބު ވެއްޖެ ނަމަ ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާ އެމަނިކުފާނުގެ ރިޔާސީވައުދެފުޅެކެވެ. މިއީ ދިވެހި ޒުވާޏުންގެ ތެރެއިން ގިނަ ބަޔަކު އުންމީދު ކުރަމުން އައި ކަމެކެވެ. އަދި މިކަމުގެ ސަބަބުން ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ބޭރުފައިސާއަށް ބަރޯސާވާންޖެހިފައިވާ ކުދިވިޔަފާރިވެރިނަނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. އަދި މީގެ ސަބަބުން އޮންލައިން ވިޔަފާރިތަށް ހިންގަން ވެސް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެއެވެ.