ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރަމަޟާން މަހު ކަރަންޓާއި ފެންބިލު ކުޑަކުރަން ނިންމައިފިއެވެ.
ރަމަޟާން މަހުގައި އެހެން މަސްތަކަށް ވުރެ ކަރަންޓާއި ފެންބިލު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލު ކުޑަކުރަން ނިންމައިފި ކަމަށް ރާއްޖޭގެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މި އަހަރުގެ މާރިޗް މަހުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލުކުރައްވާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރެއްވުމަށް ވަނީ ނިންމާފައެވެ. މިގޮތުން އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައެވެ.
މިގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރައްވާއިރު މި އަހަރުގެ މާރިޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމަނުއްވަން ވާނީ ހުރިހާ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އެ އިދާރާއިން އަންގާފައެވެ.