ރަމަޟާން މަހަށް ޚާއްސަކޮށްގެން، ''ސެލް ޤުރުއާން ޗެލެންޖް 1445'' ނަމުގައި ބޭއްވި މުލަކު ސްކޫލްގެ އިންޓަރ ހައުސް 22 ވަނަ ޤުރުއާން މުބާރާތްނިމި ނަތީޖާ ފާޅުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މުލަކު ސްކޫލުގެ އިބްރާހިމް ރަފީޢު މާލަމުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލެވެ.

ފޮޓޯ: ''ސެލް މީޑިއާ''

މި މުބާރާތަކީ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް) އާއި، މުލަކު ސްކޫލުގެ އިސްލާމީ ނޫރާއި ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މިއީ މިހާތަނަށް މީމު އަތޮޅުގެ ތާރީޚުގައިވެސް ބޭއްވިގެންދިޔަ އެންމެ އަގުބޮޑުމުބާރާތްކަމަށް މި މުބާރާތް އިންތިޒާމުކުރި "ސެލް" އިން މައުލޫމަތުދީފައިވެއެވެ.

އެގޮތުން މުބާރާތުގެ އެކި ވަނަތަކަށް އައި ދަރިވަރުންނަށް ތައްޓާއި މެޑަލް ، ހަނދާނީ ލިޔުން އަދި ފައިސާގެ އިނާމުވެސް ދީފައިވެއެވެ. މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާކިޔުމުގެ ގޮފިން ވަކިވަކިން ކޮންމެ ގޮތްޕަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ އަށް އައި ދަރިވަރުންގެ ތެރެއިން، 1 ވަނަ އަށް -/5000 (ފަސްހާސް) ރުފިޔާ، 2 ވަނަ އަށް -/4000 (ހަތަރުހާސް) ރުފިޔާ އަދި 3 ވަނަ އަށް -/3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމުވެސް ހުށައެޅިފައިވެއެވެ.

ފޮޓޯ: ''ސެލް މީޑިއާ''

މުޅި މުބާރާތުގެ ފަޙުރުވެރި 1 ވަނަ ހާސިލް ކޮށް ''ދަތުރުވެރިޔާ ޢުމުރާ'' ގުރޫޕްގެ ފަރާތުން ހުށައަޅުއްވާފައިވާ ޢުމުރާދަތުރު ހާސިލް ކޮށްފައިވަނީ މުލަކު ސްކޫލުގެ ގްރޭޑް 8 ގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރު، މުޙައްމަދު ޝިމްރާން ސާމިރެވެ. ޢުމްރާ ދަތުރުގެ އިތުރުން "ފޯ ސްޓެޕް" ގެ ފަރާތުން ވަނީ 1 ވަނައަށްއައި ދަރިވަރަށް އަގުހުރި ގިފްޓު ވައުޗަރއެއްވެސް ހުށައަޅާފައެވެ. ޝިމްރާން ވަނީ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިންވެސް ޝަރަފްވެރި އެއްވަނަ ހޯދާފައެވެ.

މުޅި މުބާރާތުން 2 ވަނަ ހާސިލްކޮށްފައިވަނީ އެ ސްކޫލުގެ ގްރޭޑް 7ގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރު، ފާތިމަތު ޝާރާ ބިންތު ފާރިޝްއެވެ. ޝާރާ ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންވެސް މުޅި މުބާރާތުން ދެވަނަ ހޯދާފައެވެ. އަދި މުޅި މުބާރާތުން 3 ވަނަ ލިބިފައިވަނީ ގްރޭޑް 8ގައި ކިޔަވަމުން އަންނަ ދަރިވަރު، އާއިޝަތު ޢިޝްރާ ޙުސެއިންނެވެ. މީގެއިތުރުން ޢިޝްރާވެސް ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 3 ވަނަވެސް ހޯދާފައެވެ.

2 ވަނަ އަދި 3 ވަނަ އަށް އައި މި 2 ދަރިވަރުންނަށްވެސް، ކޮމްޕިއުޓަރ ސިސްޓަމްއަކާއި ޕްރިންޓަރެއްގެއިތުރުން، "ފޯ ސްޓެޕް" ގެ ފަރާތުން ހުށައަޅާ ގިފްޓްވައުޗަރ ވަނީ ހަވާލުކުރެވިފައެވެ.

ފޮޓޯ: ''ސެލް މީޑިއާ''

މީގެއިތުރުން މި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަވެސް 3 ދަރިވަރަކު ހާސިލްކޮށްފައިވެއެވެ. އެ ދަރިވަރުންނަކީ:

  • 1 ވަނަ: އިބްރާހީމް ފަސީޙު މުހައްމަދު / ގުރޭޑް 6
  • 2 ވަނަ: ޢަޒާ ބިންތު ޝާމިލް / ގުރޭޑް 2
  • 3 ވަނަ: ފާޠިމަތު އީޝަލް ޢަލީ އަޙްމަދު / ގުރޭޑް 6

ހަމައެއާއެކު މި މުބާރާތުގައި 45 އަހަރުން މަތީގެ 3 ބައިވެރިއަކު ކިޔަވައި ވަނަތައް ހާސިލްކޮށްފައިވެއެވެ. އެ ބައިވެރިންނަކީ މުބާރާތުން ފަހުރުވެރި 1 ވަނަ ޙާސިލް ކުރި މުހައްމަދު އިސްމާއީލާއި 2 ވަނަ ހަލީމާ އަބްދުއް ސަމަދާއި 3 ވަނަ ހާސިލް ކޮށްފައިވާ ޒަހީރާ އަލީއެވެ. މިބައިވެރިންނަށް ޓްރޮފީ، ހަނދާނީލިޔުން އަދި ބީއެން ސްޓޯރ ގެ ފަރާތުން ހުށައަޅާ ގިފްޓްވައުޗަރ ވަނީ ހަވާލުކުރެވިފައެވެ.

ފޮޓޯ: ''ސެލް މީޑިއާ''

އަދި މި މުބާރާތް ބަހާލާފައިވާ 2 ގޮފިންވެސް ކޮންމެ ކީސްޓޭޖްއަކުން ގަދަ 5 ދަރިވަރުން ހޮވާ އެދަރިވަރުންނަށްވެސް މެޑަލްއާއި ހަނދާނީލިޔުންވަނީ ހަވާލުކުރެވިފައެވެ.

''ސެލް ޤުރުއާން ޗެލެންޖް 1445'' ގައި ޖުމަލަ 165 ބައިވެރިން ބައިވެރިވެފައިވާއިރު، މި މުބާރާތަކީ އެ ޖަމުޢިއްޔާއިން ބޭއްވި ދެވަނަ ޤުރުއާން މުބާރާތެވެ.

ފޮޓޯ: ''ސެލް މީޑިއާ''

2020 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ރަޖިސްޓަރވެގެން ކުރިއަށްދާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް)- މި ޖަމުޢއްޔާއަކީ ރަށާއި އަތޮޅުފެންވަރުގައި ބާއްވާ އެކިއެކި ޢިޖްތިމާއީ އަދި ޢުމްރާނީ ކަންކަމުގައި ނަމޫނާ ޖަމުޢިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ.