ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބަދުލްގައްޔޫމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.
އަބްދުއްރަހީމް މިއަދު "އެކްސް" ގައި އާއްމު ކުރި ޕޯސްޓެއްގައި ވަނީ, ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ހުކުމު ކުރުމުން, އެ މަނިކުފާނު ޕީއެންސީ އަދި ޕީޕީއެމްއަށް އިންތިހާބު ބޮއިކޮޓް ކުރުމަށް އެންގެވި އެންގެވުމަށް ފާޑުކިޔުއްވާފައެވެ.
ރައީސް ޔާމީން, ޕީއެންސީއިން ކެނޑިޑޭޓަކު ދެއްކެވުމަށް އެންގެވި އެންގުމަކީ ހެޔޮ ނިޔަތެއްގައި އެންގެވި އެންގުމެއް ކަމުގައިވާނަމަ އެފަދައިން އިންތިހާބު ބޮއިކޮޓު ކުރާކަށް ނާންގަވާނެ ކަމަށް އަބަދުއްރަހީމް ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީނަކީ ހަގީގަތުގައި ވެސް ޕީޕީއެމް ދިރުވަން މަސައްކަތް ކުރާ ބޭފުޅެއް ނަމަ ކުރީ ބައިގައި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު އެ މަނިކުފާނު ކަނޑަނޭޅީ ކީއްވެތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދާފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 6 ވީ ދުވަހު ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އެއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ހުކުމް ކުރުމާއެކު, ހަމަ އެ ދުވަހު އެމަނިކުފާނު ވަނީ އިންތިހާބު ބޮއިކޮޓު ކުރުމަށް އަންގަވާފައެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު ދެފާޓީއަށް ވެސް އިންތިހާބު ބޮއިކޮޓު ކުރަން އެންގުމުން, އެ މަނިކުފާނުގެ އިހުލާސްތެރި ކަމާމެދު އަބްދުއްރަހީމު ވަނީ ޝައްކު އުފައްދާފައެވެ.