ރަމަޟާން މަހުގެ ފުރަތަމަ 10 ގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފާސްހިސާބުތައް އާއްމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ހާމަ ކުރާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ފުރަތަމަ 10 ގައި އެ މިނިސްޓްރީއަށް 1,599,113 (އެއްމިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ސަތޭކަ ތޭރަ) ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ ފަސް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ފިތުރު ޒަކާތުގެ ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަސް ތެރޭގައި މިނިސްޓްރީއަށް ލިބުނު އަހަރެވެ.

މި ރަމަޟާން މަހުގެ ފުރަތަމަ ދިހައެއްގައި ފިތުރު ޒަކާތުގެ ގޮތުގައި ޖަމާވި ރުފިޔާގެ ބޮޑު އިންސައްތަ އަކީ ބީއެމްއެލް ހިއްސާކޮށް މިނިސްޓްރީއަށް ލިބިފައިވާ ފައިސާއެވެ. ބީއެމްއެލް ހިއްސާކޮށް މިނިސްޓްރީއަށް ވަނީ 759,407 (ހަތްލައްކަ ފަންސާސް ނުވަހާސް ހަތަރު ސަތޭކަ ހަތެއް) ރުފިޔާ ލިބިފައެވެ. ދެވަނައަށް އެންމެ ގިނައިން މިނިސްޓްރީއަށް ފައިސާ ޖަމާވެފައިވަނީ އެމްއައިބީއިންނެވެ. އެމްއައިބީއަށް ވަނީ މުޅިއަކި 279,376 (ދެލައްކަ ހަތްދިހަނުވަހާސް ތިންސަތޭކަ ހަތްދިހަ ހައެއް) ރުފިޔާ ލިބިފައެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14:00 އިން 11:00 އަށް, އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައެވެ. ފިތުރު ޒަކާތް ބަލައިގަތުމުގެ ސުން ގަޑިއަކަށް ކަނޑައަޅާފައިވަނީ ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00 އަށެވެ. އިންޓަނެޓް މެދުވެރިކޮށް ކުރާ ޕޭމަންޓް ބަލައިގަތުން ހުއްޓާލަން ހަމަޖެހިފައިވަނީ 6 އޭޕްރީލް ވާ ދުވަހުގެ 23:59 އަށެވެ.