މިސަރުކާރުގެ އެންމެ މުހިންމު އިގްތިސޯދީ އެޖެންޑާއަކީ ފަައިސާ ޗާޕްކުރުން ހުއްޓާލުން ކަމުގައި ރައީސުލްޖުމުހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ހިޔާ ޕާކު ސަރަހައްދުގައި އާއްމުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ރައީސް އިތުރަށް ވިދާޅުވީ ފަައިސާ ޗާޕްކުރުން ވާނީ އެމަނިކުފާނު ވައުދާއެއްގޮތަަށް ހުއްޓާލާފައި ކަމަށެއެވެ
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކަންކުރާނީ މިދިޔަ ފަސް އަހަރުގައި ކަން ކުރި ގޮތަކަށް ނޫން ކަމަށާއި މިދިޔަ ފަސް އަހަރު ކަންކަން ކުރީ ފައިސާ ޗާޕުކޮށްގެން ކަމަށެވެ.
އަދި މިދިޔަ ސަރުކާރުގެ ފަސް އަހަރުތެރޭ އެކަނި 8 ބިލިއަން ރުފިޔާ ޗާޕުކުރި އޭގެ ކުރިން 40 އަހަރުތެރޭ ވެސް ޗާޕްކޮށްފައި ހުރީ 50 މިލިއަން ރުފިޔާ ކަމަށްވެސް އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ސަރުކާރާ ހަވާލުވިއިރު ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށާއި ފައިސާ ޗާޕު ނުކޮށް މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އަދި މި ރޭޓުގައި ގޮސް މި އަހަރު ނިމޭއިރު ލޯންތައް ދެއްކުމަށް އެ ފަންޑަށް 100 މިލިއަން ޑޮލަރު ހަމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.