ދެވަނަ ޕްލެޓްފޯމުގައި ތިބި ބޭރު ސިފައިން މިމަހު ތެރޭގައި ފައިބާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ހިޔާ ޕާކު ސަރަހައްދުގައި އާއްމުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކަމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ، ރާއްޖެއަކީ ތާއަބަދަށް މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމުގެ ވައުދާއެކުކަމަށާއި އެކަމުގައި އެމަނިކުފާނު ދެމި ހުންނަވާނެކަމަށެވެ. އެގޮތުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށް ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު މަސައްކަތް ފެއްޓެވިގޮތަށް، ޑިޕްލޮމަސީގެ ރިވެތި ހަމަތަކުގެ ތެރެއިން މަސައްކަތް ކުރެވެމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަންވެސް އިރާދަކުރެއްވީތީ ދެފަރާތުން އެއްބަސްވިގޮތަށް، ލިޔެކިއުމުގައި ސޮއިކުރެވިފައިވާ ގޮތަށް އެދަނީ ތަންފީޒުވަމުން މިމަހުގެ ތެރޭގައި ދެވަނަ ޕްލެޓްފޯމްގައި ތިބި ބޭރުގެ ސިފައިން ފައިބާނެ، 3 ވަނަ ޕްލެޓް ފޯމްގައި ތިބި ސިފައިން ދެން އަންނަ މަހުގެ 10ގެ ކުރިން ފައިބާނެ. އޭރުން ފައިބާ ނިމުނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިއެވެ

ހަމައެއާއެކު ދިވެހީންގެ ރާއްޖެ ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާ އެފަދަ އެތައް މަސައްކަތެއް ކުރުމުގައި ދިވެހިންގެ ވިސްނުން އިސްކުރާ، އަދި އެހެން ބައެއްގެ އެޖެންޑާ ދިވެހިރާއްޖޭގައި އިސްނުކުރާނެ ވިސްނުމުގެ މީހުން ރައްޔިތުންގެ މަޖިލީހަށް ގެންނަންޖެހެނީ އެފަދަ އެތައް ސަބަބުތަކައްޓަކައިކަމަށްވެސް ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ