ރޮނަލްޑޯގެ ކެރިއަރުގެ 65 ވަނަ ހެޓްރިކާއެކު, ސައުދީ ޕްރޯ ލީގުގައި އަބްހާ އަތުން އަލްނަސްރު 8-0 އިން މޮޅުވެއްޖެއެވެ.
ޕްރިންސް ސުލްތާން އަބްދުލްއަޒީޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަލްނަސްރުގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތަފާތު ކުޅުމެކެވެ. އެ ގޮތުން އެ ޓީމުން ވަނީ މެޗު ފެށިގެން 11 މިނެޓު ތެރޭގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 21 ވަނަ މިނެޓުގައި ރޮނަލްޑޯ ވަނީ މެޗުގައި އޭނާގެ ދެވަނަ ހިލޭ ޖެހުން ގޯލަށް ވައްދާލައި އަލްނަސްރުގެ ލީޑު ދެގޯލަށް އިތުރުކޮށްފައެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ބަޔާނުން އަލްނަސްރަށް ސޮއި ކުރި ސާދިއޯ މާނޭ ވަނީ އަލްނަސްރުގެ ލީޑު ތިން ގޯލަށް ފުޅާކޮށްދީފައެވެ. އަލްނަސްރުގެ ހަތަރު ވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ރޮނަލްޑޯ އޭރިއާ ބޭރުން ކީޕަރުގެ ބޯމަތިން ޖެހި ގޯލެކެވެ. އެއާއެކު އޭނާ ވަނީ ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކު ހަދާ, އޭނާގެ ކެރިއަރުގައި 65 ވަނަ ހެޓްރިކު ކާމިޔާބުކޮށްފައެވެ.
ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް, އަލްސުލައިހީމް ކާމިޔާބު ކުރި ލަނޑާއެކު އަލްނަސްރު ފުރަތަމަ ހާފު ނިންމާލީ 5-0 އިން ކުރީގައި އޮވެގެންނެވެ.
އަލްނަސްރުގެ ހަވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގަރީބެވެ. މެޗުގެ 63 ވަނަ މިނެޓުގައި އަލްއަލިވާ ވަނީ އަލްނަސްރުގެ ލީޑު ހަތް ގޯލަށް އިތުރުކޮށްފައެވެ. އަލްއަލިވާ ވަނީ މެޗުގެ 86 ވަނަ މިނެޓުގައި އަލްނަސްރުގެ އަށްވަނަ ލަނޑު ޖަހާ, އަލްނަސްރުގެ ތާރީހުގައި ނެރެވުނު އެންމެ ބޮޑު ނަތީޖާއިން މެޗުގެ ނިންމާލާފައެވެ.
މި ލިބުނު ބޮޑު މޮޅާއެކު އަލްނަސްރު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެ ޓީމު ދެވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 62 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް އަލްހިލާލަށް ލިބިފައިވަނީ 74 ޕޮއިންޓެވެ. މެޗުން ބަލިވި އަބްހާ އޮތީ, ކުޅުނު 26 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ ސަތާރަވަނައިގައެވެ.