މި ދިޔަ ސަރުކާރުގެ ވެރިކަމުގައި މަސައްކަތް ހުއްޓިފައިވާ އެކިކަހަލަ ދަނޑުތަކާއި ކޯޓުތަކުގެ 71 މަޝްރޫއެއް އަލުން ފަށާފިން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހިޔާ ޕާކުގައި އާއްމުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގެ ވެރިކަމުގައި އެކި ރަށްރަށުގައި ދަނޑުތަކާއި ކޯޓުތަކުގެ 84 މަޝްރޫއެއްގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ހުއްޓިފައިވާ 84 މަޝްރޫއުގެ ތެރެއިން 71 މަޝްރޫއެއްގެ މަސައްކަތް ވަނީ އަލުން ފަށާފައިކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ވެސް ވަނީ ނިމިފައިކަމަށް ރައީސް ވަނީ ހާމަކޮށްފައެވެ. ރައީސް ވިދާޅުވި ގޮތުގައި މިއަދު ވެސް 48 ރަށެއްގައި އެކަހަލަ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ރައީސް ހާމަ ކުރެއްވި ގޮތުގައި މި ފަދަ މަޝްރޫއުތައް ހުއްޓެން ދިމާވެފައިވަނީ މި ދިޔަ ސަރުކާރުގައި އެ މަސައްކަތްތައް ހަވާލު ކުރާ ކުންފުނިތަކައް އެޑްވާންސް ޕޭމަންޓް ދިނުމުން މަޝްރޫއު ދޫކޮށްލާތީ ކަމަށެވެ. އެ ގޮތުން އެތައް ފަހަރަކު އެއް މަޝްރޫއެއް އެތައް ކުންފުއްޔަކަށް ހަވާލުކޮށްފައި އެބަހުރި ކަމަށް އެމަނިކުފާނު ވަނީ ހާމަކޮށްފައެވެ.