މުޅި މެނިފެސްޓޯގައި ހުރި ހުރިހާ ވައުދުތަކެއް ފުއްދޭނީ އެވިސްނުން ހުރި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ރޭގައި ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފްލެޓު ސަރަހައްދުގައި ބޭއްވި ބައްދަލުކުރުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މެނިފެސްޓޯގެ ހުރިހާ ވައުދުތަކެއް ފުއްދުމަށް ޓަކައި 200 އަށްވުރެ ގިނަ އިސްލާހާ އާ ބިލުތައް ހިމެނޭހެން ގާނޫނު ފާސްކުރަން ޖެހެއެވެ. މި ކަމަކީ މެނިފެސްޓޯގައި ވެފައިވާ ވައުދުތައް ފުއްދުމުގެ ވިސްނުން ނެތް ބަޔަކު މަޖިލީހުގައި ތިބެގެން ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ހާމަކުރި ގޮތުގައި މި ދައުރުގައި ހުށަހަޅަން ޖެހޭ އެންމެ މުހިއްމު ބިލުތަކުގެ ތެރޭގައި ބިމާ ބެހޭ ބިލަކާއި, ބޯހިޔާވަހިކަމަށް ހާއްސަ ބިލެއްގެ އިތުރުން ރިއަލް އެސްޓޭޓުގެ ބިލެއްގެ އިތުރުން ތޮއްޖެހިފައިވާ ސިޓީތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަދާ ގާނޫނުތަކުގެ ބިލުތައް ހިމެނެއެވެ. ރައީސް ވިދާޅުވި ގޮތުގައި މި ބިލުތައް ފާސްކުރެވޭނީ, މި ކަންކަން ކޮށްދިނުމަށް ބޭނުންވާ ބޭފުޅުން މަޖިލީހަށް ރައްޔިތުން ހިޔާރުކޮށްފިނަމައެވެ.