މަޝްވަރާގެ މޭޒުދޮށަށް އީރާނު ގެނައުމަށްޓަކައި، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލައްވާނޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު ވެފައިވާ އެއްބަސްވުމަށް އީރާނު ފުރިހަމައަށް އިހްތިރާން ނުކުރާހާހިނދަކު ފިޔަވަޅުތައް އުވާނުލައްވާނޭ ކަމަށެވެ.

އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އީރާނު، މޭޒުދޮށަށް އައުމަށް ބާރު އެޅުމުގެގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވަފާނަންތޯ، އެމެރިކާގެ ޓީވީއަކުން ސުވާލުކުރުމުން ބައިޑެން ވަރަށް ސާފުކޮށް ވިދާޅުވީ "ނޫން" ޖަވާބެވެ.

ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ހުޅަނގުގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ ވަކިވެފައެވެ.

އަދި، އެއްބަސްވުމުގެ ފަހުން އީރާނާ ދެކޮޅަށް ދުނިޔެއިން އަޅާފައިވާ އިގްތިސާދީ އަދި އެހެނިހެން ފިޔަވަޅުތަކަށް ހިސާބެއްގެ ލުއިތަކެއް ދިނެވެ. އެއީ، ބަދަލުގައި އީރާނުންވެސް ކަންތައްތަކެއް ކުރުމަށް ޝަރުތުކޮށްފައެވެ.

އެއްބަސްވުމާ އެއްގޮތަށް އީރާނުން ކަންކުރާން ފެށުމުން، ހިސާބެއްގެ ލުއިތަކެއް ދިންނަމަވެސް، ޓްރަމްޕްވަނީ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ކުރިން އަޅާފައި ހުރި ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އަދި އިތުރު އެތައް ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

އެމެރިކާއާއި ޓްރަމްޕް ހުއްޓުވުމުގައި، އެއްބަސްވުމުގައި ދެން ހިމެނޭ ގައުމުތަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

މިކަމާ ރުޅިއައިސްގެން އީރާނުން އަހަރެއްހާ ދުވަހު މަޑުކުރުމަށްފަހު އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން ދޫކޮށް، އަލުން ޔޫރޭނިއަމް ފައްކާކުރަން ފަށާފައި ވެއެވެ.

އެމެރިކާގެ ޓީވީގެ ނޫސްވެރިޔާ ރައީސް ބައިޑެންއާ ދެން ސުވާލު ކުރެއްވީ، މޭޒުދޮށަށް އައުމަށް އީރާނަށް ޖެހޭނީ ޔޫރޭނިއަމް ފައްކާކުރުން ހުއްޓާލަންތޯއެވެ. ޖަވާބުގައި އާނއެކޭ ވިދާޅުވުމުގެ ގޮތުން ބައިޑެން "ބޯޖަހާލިއެވެ."

ބައިޑެންގެ ސަރުކާރުންވަނީ، 2015 ވަނަ އަހަރުގެ އެއްބަސްވުމަށް އެމެރިކާ އެނބުރި އަންނާނެކަމަށް އިޝާރާތްކޮށްފައެވެ. އެހެން ނަމަވެސް އެމެރިކާއިން އެކަން ކުރާނީ ކުރީގެ އެއްބަސްވުމަށް އީރާނުން ފުރިހަމައަށް އަމަލުކުރާން ފެށުމުން ކަމަށް ބުނެފައި ވެއެވެ.

އެމެރިކާވެސް ހިމެނޭގޮތުން ހުޅަނގުގެ ބޮޑެތި ބާރުތަކުން އީރާނާއެކު މި އެއްބަސްވުން ހަދައި، އެއްބަސްވުމުގައި އެމެރިކާއިންވެސް ސޮއިކުރިއިރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވީ ބަރަކް އޮބާމާއެވެ. އޭރު ނައިބް ރައީސަކީ މިހާރުގެ ރައީސް ޖޯ ބައިޑެންއެވެ.

އީރާނުން އާދީއްތަ ދުވަހު ބުނެފައިވަނީ، ނިއުކްލިއަރ އެއްބަސްވުމާ ގުޅޭގޮތުން އެއްބަސް ބަޔަކާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

އީރާނުގެ ކަންކަމުގައި އެންމެ ފަހުބަސް ވިދާޅުވާ އާޔަތުﷲ ޚާމަނާއީ ވިދާޅުވީ، އީރާނާ ވާހަކަ ދައްކަން ބޭނުންނަމަ އެމެރިކާއިން ފުރަތަމަ ކުރާންޖެހޭ ކަމަކީ، އީރާނާ ދެކޮޅަށް އަޅާފައި ހުރި ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށެވެ. އެނޫން އެއްވެސް މަގެއް އެމެރިކާއަށް ނެތްކަމަށެވެ.