މުޅި މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ އަޒުމްގައި ހުންނެވި ކަަމަށާއި، އެ މަސައްކަތް ކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާފަންނު ދެކުނު ދާއިރާއިގައި ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ ހައްލުކުރަން ބޭނުންވާ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަަމަށެވެ.

އަދި އެއަށްފަހު، މަގުތައް ހެދުމާއި، ޕާކިން މައްސަލައާއި އެހެނިހެން އިޖްތިމާއީ މައްސަލަތައް ހައްލު ކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކުރަން ހުރި ކަންކަން ބައިވަރު ނަަމަވެސް އެކަން ކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ފަސް އަހަރު ދިޔައީ އޭރުގެ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބި މާލެއަށް އެއްވެސް ކަމެއް ނުވެ ކަމަށެވެ. އަދި އެ ފަސް އަހަރު ތެރޭ މާލެއަށް ކަމެއް ކޮށްދީފައި ވާނީ އެމަނިކުފާނު މޭޔަރު ކަމުގެ މަގާމުގައި ހުރެގެން ސަރުކާރުގެ އެއްބާރުލުން ނުލިބި ކުރި ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މާލެ ސަރަހައްދު ތަރައްގީކުރަން ކުރީ ސަރުކާރަށް ލިބުނު ރަނުގެ ފުރުސަތު އެ ސަރުކާރުން ދޫކޮށްލީ ކަމަށާއި އަދި ރިޔާސީ އިންތިހާބު ބޯމަތިވުމުން މާލެ ކައިރިން ފަޅެއް ނަގާފައި އެއްވެސް ބެލުމެއް ނެތި އެތަނުން ގޯތިތަކެއް ދިނަކަސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި އެމަނިކުފާނު ވަނީ އެގޮތަށް އެ ސަރުކާރުން ކަން ކުރީމަ ބަދަލަކަށް އެދި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވަން ޖެހުނީ ކަމަށް ފާހަގަ ކުރައްވާ އިންތިހާބުގައި އެމަނިކުފާނު ވީ ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހާއްސަގޮތެއްގައި ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ވެސް މަޖިލީހުގެ ދައުރު ވަރަށް މުހިއްމު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ނަގަންޖެހޭ ލޯން ނެގުމާއި، ޕީއެސްއައިޕީ ޕްރޮޖެކްޓްސްތައް ހިންގުމާއި ގާނޫނުތައް ފާސްކުރުމަށް މަޖިލީހުގެ އެއްބާރުލުން ނުލިބި ނަތީޖާ ނެރެން ފަސޭހަ ނުވާނެ ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މުޅި މާލެ ސިޓީގެ ތަރައްގީއަށްޓަކައި ޕީޕީއެމް/ ޕީއެންސީން ރައްޔިތުން މަޖިލީހަށް ކުރިމަތިލާފައިވާ 17 ކެންޑިޑޭޓުން ހޮވައި ދިނުމަށް އެދިވަޑައިގެންފައެވެ.

އަދި އިންތިހާބަށް ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި މި ރޫހާއި ޖޯޝުގައި މަސައްކަތް ކޮށްގެން ސަރުކާރުން ހިންގާ ކަންކަމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވުމަށް އެމަނިކުާނު ވަނީ ގޮވާލައްވާފައެވެ.