ފައިޒަރ ކުންފުނީގެ ކޮވިޑް-19 ވެކްސިން ބްރެޒިލްގައި އާންމުކޮށް ބޭނުންކުރުމުގެ ފުލް އެޕްރޫވަލްއަކަށް ފައިޒަރއިން އެދިއްޖެއެވެ.

ފައިޒަރއިން މިކަމަށް މި އެދުނީ، ބްރެޒިލްގައި ވެކްސިން ލިބުން ލަސްވުމާއި، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދޯހަޅި ސިޔާސަތުތަކާހެދި އެގައުމުގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބޮޑެތި އަރާރުންތައް ހިނގައި މައްސަލަ ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ފައިޒަރ-ބަޔޯއެންޓެކުން ބްރެޒިލްގައި ވެކްސިން ބޭނުންކުރުމުގެ ފުލް އެޕްރޫވަލްއަކަށް އެދުނުއިރު، އޮކްސްފޯޑު-އެސްޓްރަޒެނެކާގެ ވެކްސިން އެ ގައުމުގައި ބޭނުންކުރުމުގެ ފުލް އެޕްރޫވަލްއަކަށްވެސް ވަނީ އެދިފައެވެ.

އޮކްސްފޯޑު-އެސްޓްރަޒެނެކާއިން އެކަމަށް އެދުނީ މިދިޔަ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ.

އޮކްސްފޯޑު-އެސްޓްރަޒެނެކާގެ ވެކްސިން ދެކުނު އެމެރިކާގައި އުފައްދަނީ ބްރެޒިލްގެ ފިއޯކްރޫޒް ބަޔޯމެޑިކަލް ސެންޓަރާ ޕާޓްނަރޝިޕް ހަދައިގެން ބްރެޒިލްފައެވެ.

ފިއޯކްރޫޒް ބަޔޯމެޑިކަލް ސެންޓަރަކީ ބްރެޒިލް ސަރުކާރުން ފަންޑުކޮށްގެން ހިންގާ ސެންޓަރެކެވެ.

ބްރެޒިލްއިން މިހާތަނަށްވަނީ އިމަޖެންސީ ބެނުމަށް ދެ ވެކްސިނެއް އެގައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

އިމަޖެންސީ ހުއްދަ ދީފައިވާ ދެ ވެކްސިނަކީ އޮކްސްފޯޑު-އެސްޓްރަޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޮވެކް ކުންފުނީގެ ވެކްސިނެވެ.

މި ދެ ވެކްސިން ޖެނުއަރީމަހުގެ މެދުތެރެއިން ފެށިގެން ބްރެޒިލްގެ ރައްޔިތުންނަށް ދޭން ފަށާފައި ވާއިރު، ބޭނުންވާ ވަރާ ގާތަށްވެސް ވެކްސިން ނުލިބޭ މައްސަލަވަނީ ކުރިމަތިވެފައެވެ. އެއީ، ވެކްސިން އުފައްދާ ސެންޓަރަށް، ވެކްސިން އުފެއްދުމަށް ބޭނުންވާ އިންގްރީޑިއަންޓްސް ނުލިބިގެން ކަމަށް ވެއެވެ.

ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިން، ކޮވިޑް-19 ބަލިން ދިފާއުކޮށްދޭ އޯވަރޯލް ނިސްބަތް އުޅެނީ %95 ގައި ކަމަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުން ބަލިން ދިފާއުކޮށްދޭ ނިސްބަތަކީ %94 ކަމަށް، ކްލިނިކަލް ޓްރައިލްސްއަށްފަހު އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

ބްރެޒިލްގައި ތިންވަނަ ކޮވިޑް ވެކްސިނެއް ބޭނުން ކުރުމުގެ ވާހަކައިގެ އަޑުތައް ގަދަވާންފެށި، ބްރެޒިލްގެ ވާތުފިޔައިގެ ޕާޓީތަކާއި ގްރޫޕްތަކުން ރައީސް ބޮލްސޮނާރޯއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާތީއެވެ.

ބްރެޒިލްގެ ރައީސް ކުރިން ވިދާޅުވީ، ކޮވިޑް-19 އަކީ އާދައިގެ ހުމުގެ ރޯގާއެއް ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވަން އެއްވެސް ފިޔަވަޅެއް އެޅުމާ ދެކޮޅު ހައްދަވަމުން ގެންދެވިއެވެ.

އެކަމަކު، ބްރެޒިލްއިން މިހާތަނަށް ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 9.4 މިލިއަނަށް އަރާފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު 230،000 އަށްވުރެ މަތިވެފައި ވެއެވެ.

މިކަމާހެދި ބްރެޒިލްގެ ޕްރޮސެކިއުޓަރ ޖެނެރަލް މިދިޔަ ހަފްތާގައިވަނީ، ރައީސް ބޮލްސޮނާރޯއާ ދެކޮޅަށް ޖިނާއީ ތަހްގީގެއްވެސް ފަށްޓަވާފައެވެ.