ލިޔުނީ: ނިރު، ޝާހީން މުހައްމަދު

"ހަލޯ، ދެން ނުވާނެ މާގިނައިރެއް ... މި ނައްޓާލަނީއޭ!" ފޯނުގެ ފުރަތަމަ ރިންގާއެކު މަލާކު އެ ފޯނަށް ޖަވާބު ދިނެވެ.

"އަޅެ، ތަންކޮޅެއް އަވަސްކޮށްބަލަ! ޔަގީނޭ އަދި ޕެކްކޮށް ވެސް ނުނިމޭނެ!... މި ޗެކިން ބަންދު ކުރަނީ!" މަލާކުގެ އިތުރު ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ޒާއިރާ ފޯނު ކަނޑައިލިއެވެ. ހިތްހަމަ ނުޖެހުނީ ކަންނޭނގެއެވެ.

ޒާއިރާ އާއި މަލާކު މަސައްކަތް ކުރަނީ އެއް އޮފީހެއްގައެވެ. ސާރވޭ އެއްގެ މަސައްކަތަށް އެ ދެކުދިން ފުވައްމުލަކަށް ދާން މިރޭ ފުރާނެއެވެ. ޒާއިރާ އަކީ އަބަދުވެސް ގަޑިއަށް ފަރުވާތެރިވުމުގައި ނަމޫނާ ކުއްޖެކެވެ. އެއާ ޚިލާފަށް މަލާކުއަށް އަބަދުވެސް ދާންޖެހޭތަނަކަށް ދެވޭނީ ގަޑީގެ އެންމެ ފަހު ސިކުންތުގައެވެ. މިއަދުވެސް މަލާކުއަށް މިވީ ކުރިންވެސް ވާވަރެވެ.

ވަގުތު ކިތަންމެ ކުޑަތަންވެފައި އޮތަސް ޗެކިންގ ބަންދުކުރުމުގެ ކުރިން މަލާކު ހުރީ ޗެކިންގ ކައުންޓަރގެ ކުރިމަތީގައެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރީގައި ތުންދަމައިގެން ޒާއިރާ އިނެވެ.

"އޭ ހިނގާ ކޮފީ ދޭން! އަނެއްކޮޅުން ވަރަށް ބަނޑުހައި!" ޗެކިން ނިމިގެން އައިސް ޒާއިރާގެ ކުރިމަތީ ހުއްޓެމުން މަލާކު ލާނެއް ގޮތަކަށް އެއްލޯ މަރައިލަމުން ބުންޏެވެ. އެއީ އަބަދުވެސް އޭނަ ކަންކުރާ ގޮތެވެ.

"ފްލައިޓް ޑިލޭ ނުވާނެ ކަމެއް ވެސް ނޭނގެ! އަނެއްކޮޅުން ކިތައް ބަނދަރުގަކަމެއް ނޭނގެ ޖައްސާނީކީ ވެސް. މިއީ ފުވައްމުލަކަށް ކުރާ ދަތުރެއްނު! ބަނޑަށް އެއްޗެއް ލައިގެން ތިބުން ބުއްދިވެރީ! ...މި ފްލައިޓުން ބޯލާނެ ފެންފޮދެއް ލިބުނަސް ރަނގަޅު!" ޒާއިރާގެ އަތުގައި ހިފާ ނަގަމުން މަލާކު ފައްޗަކަށް އަމުނައިލިއެވެ.

އެ ދެކުދިންވެސް ތިބީ ފުވައްމުލަކަށް ދެވޭތީ ވަރަށް އުފާވެފައެވެ. މީސްމީޑިއާއިން ފުވައްމުލަކުގެ އެކިކަހަލަ ވާހަކަތައް އަޑުއިވިފައި އޮތުމުން އެ ދަތުރު ލިބުނީއްސުރެ އެ ދެކުދިން އެތިބީ ފުވައްމުލަކަށް އެރުން ލަސްވެފައެވެ. މި ދަތުރުގައި އެކުދިން ފުވައްމުލަކުގައި ފަނަރަ ވަރަކަށް ދުވަސް ހޭދަކުރާނެއެވެ.

ފުވައްމުލަކަށް ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓް ފުވައްމުލަކުގައި ޖެއްސީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ފުވައްމުލަކު އެއަރޕޯޓަށް ފްލައިޓް ތިރިކުރަމުންދިޔައިރު ދެކުދިންވެސް ބަލަމުން ދިޔައީ އެ ހިތްގައިމު ރަށުގެ މަލަމައްޗަށެވެ. ދުރުން ފެނުމުންވެސް ރަށުގެ ފެހިކަން ދެކުދިންނަށް ވެސް ފާހަގަ ކުރެވުނެވެ. އެއީ ގަސް ގިނަ ބިޔަ ރަށެކެވެ. ރަށުގެ ދެ ހިސާބަކުން ފެންނަން އޮތް ދެ ފެންގަނޑުގެ ސަބަބުން ރަށުގެ ޚާއްސިއްޔަތު ވަކިން ބޮޑުވެގެން ދިޔައެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ރަށުގެ އުތުރުކޮޅުން ކަމުން ބޯޓު ރަންވޭއާ ދިމާއަށް އަނބުރައިލިއިރު ރަށުގެ މަޝްހޫރު ހުދުކުލައިގެ އޮފްގަދަ ވެލިގަނޑު ފެނުމުން އިންތަނުން ކުޑަކޮށް ތެދުވެލާ ހަށިގަނޑު ދަމާލަމުން ޒާއިރާއަށް މޫނު ޖައްސައިލެވުނީ ފްލައިޓްގެ ބިއްލޫރިގަނޑުގައެވެ.

"ވާވް! ހާދަ ރީއްޗޭ! ބޭއިޚުތިޔާރުގައި ޒާއިރާއަށް ބުނެވުނެވެ.

"މިރަށުން އަނބުރާ ދެވިއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅު" ހެމުން ހެމުން ޒާއިރާ ކޮށްލީ ސަމާސާއެކެވެ. ޒާއިރާއާ އެއްބަސްވުމުގެ ގޮތުން ޖެހިގެން ހުރި ގޮނޑީގައި އިން މަލާކު ވެސް ހީނލިއެވެ.

"އޭ މި ވެލިގަނޑު ކިތަންމެ ރީއްޗަސް މިތަނަށް މި ބިންދާލާ ރާޅު ފެނުމުން މަ ވަރަށް ބިރުގަނެއްޖެ!" މަޑު މަޑުން އެހެންމީހުންނަށް އަޑު ނީވޭ ވަރަށް ޒައިރާއަށް ބުނެވުނެވެ. ތެދެކެވެ. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނެތްހާ ރީތި މި ވެލިގަނޑުގެ ހިމާޔަތުގައި އަބަދު ދެމިތިބޭ އެ ބިޔަ ރާޅުތަކުގެ ބިޔަކަމާ އުސްކަން ވަޒަން ކުރެވޭނީ މިގޮތަށް ބަލައިލެވިގެންނެވެ.

ތުނޑި ފަސްދީ ފްލައިޓް ގޮސް ރަންވޭގައި ޖެއްސިއިރު ވެސް ޒާއިރާ އިނީ ފެންނަމުންދިޔަ ރީތި މަންޒަރުތަކަށް ގެއްލިފައެވެ. އެ ފްލައިޓްގައި ތިބި އެރަށުގެ މީހުން ނޫން ކޮންމެ މީހަކުވެސް އުޅުނީ ޒާއިރާ އާއި މަލަކު އުޅުނު ފަދައިންނެވެ.

ޒާއިރާމެން ތިބުމަށް ހަމަޖެހިފައިވާ ގެއަށް އެ މީހުން ގޮވައިގެން ދިޔަ ޓެކްސީ ދަތުރުކުރަމުން ދިޔައީ އާދައިގެ ދުވެއްޔެއްގައެވެ. އޭގައި އިނީ ބީރައްޓެހި ނޫން ޑްރައިވަރެކެވެ. އެމީހުން ބޭނުންވި ބައެއް މައުލޫމާތު އެމީހުންނަށް ދެމުން ދިޔައީ ހިނިތުންވެ އިނދެގެންނެވެ. ބައެއް ރެސްޓޯރެންޓްތަކުގެ ނަމެވެ. އަދި ގެސްޓްހައުސްތަކުގެ ނަންތަކާ އަވަށްތަކުގެ ނަންތަކެވެ. ރަށުގައި ހުރި ގުދުރަތީ ރީތި ތަންތަނުގެ ނަންތަކާ މުއްސަނދި ތާރީޚެއް ލިބިފައިވާ ފުވައްމުލަކުގެ ތާރީޚި ތަންތަނުގެ ނަންތައް ވެސް އެމީހާ އެމީހުންނަށް ކިޔައިދިނީ ދޫފަރިތަކަމާ އަދަބުވެރިކަމާއެކުގައެވެ. ޒާއިރާމެން ބޭނުންވި ސުވާލުތަކަށް ޖަވާބުދީ ނިންމުމަށްފަހު އޭނާ އަމިއްލައިން ވެސް ބައެއް ވާހަކަ ޙިއްސާކޮށްލިއެވެ.

"މުހިންމު ސާމާންތައް އަބަދުވެސް އަތްމަތީ ގެންގުޅޭތި .... މިބުނީ ... ލެޕްޓޮޕް ފަދަ ކޭޝްކާޑާއި ފޯނުފަދަ އެއްޗިއްސަށް ސަމާލުވާތި!" ޒާއިރާ އާއި މަލާކުއަށް ޑްރައިވަރަށް ބަލައިލެވުނީ ހާސްކަމުގެ ނަޒަރަކުންނެވެ. މިހާ މީހުން ހެޔޮކަމަށް މަޝްހޫރު ރަށަކުން ވެސް އެފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭހެއްޔެވެ!

"ނަސީބަކުން ތިކުދިން ތި ތިބޭ ގެ ހުންނަނީ ރަށުގެ އެންމެ އަމާން ހިސާބުގައި... އެކަމަކުވެސް ބުނަންވާނެތާ!" އިންގޮތަށް އިނދެ ޑްރައިވަރު އެމީހުންގެ ހިތްހަމަޖައްސާލަ ދިނެވެ.

އެ ދެ ކުދިންތިބޭ ގޭގެ ފުޅަލީގެ ދޮރުމައްޗަށް ކާރު ގޮސް މަޑުކުރުމުން ދެކުދިން ކާރުން ފައިބާ ހަށިގަނޑު ދަމައިލިއެވެ. އެއަށްފަހު ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައިލިއެވެ. ހުރިހާ ދިމާލެއްގައި ހުރި މަގުތަކުގައި ވެސް ހުރީ މަގުބައްތި ޖަހާފައެވެ. އޭގެ އިތުރުން ވަށައިގެންހުރި ހުރިހާ ގެއެއްގެ ބޭރުގައިވެސް ބޮކިތައް ހަރުކޮށްފައި ހުއްޓެވެ. އެހެންނަމަވެސް ލިބެންވާވަރަކަށް އަލިކަމެއް މަގުމައްޗަކަށް ވެސް ނުވެއެވެ. ގަސް ބޯކަމުންނެވެ. ގިނަކަމުންނެވެ. މަގުތަކުގެ ދެފަރާތުގައި ވެސް ހުރީ ބޮޑެތި ބިޔަގަސްތަކާ މާގަސްތަކެވެ.

"އެތެރެއަށް ވަންނަންވީނު!" ދެ ދަތުރުވެރިން ދިޔައީ ސިއްސައިގެންނެވެ. މެދު އުމުރުގެ ހެޔޮވަރުގެ އިސްކޮޅެއްލިބިފައިވާ އަންހެނަކު ހިނިތުންވެލައިގެން އެމީހުންގެ އަރިމަތީ ހުއްޓި ހުއްޓެވެ. ހީވާގޮތުން އެއީ އެގޭގެ ވެރިޔާއެވެ. އޭރު ހުޅުވާފައިވާ ސިޓިންގރޫމުތެރެއަށް ޑްރައިވަރު އެމީހުންގެ ސާމާނު ވައްދަނީއެވެ.

"މީ މަލާކު!" އެމީހާއަށް ސަލާމަށް އަތް ދިއްކޮށްލަމުން މަލާކު ތަޢާރަފު ވެލިއެވެ.

"ޒާއިރާ!" ޒާއިރާ ވެސް އެފަދައިން ތަޢާރަފް ވެލިއެވެ.

(ނުނިމޭ)