ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވޭނީ އެކުވެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ގއ. ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޔަޒްމީދް މުހައްމަދުގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނި ވިދާޅުވި ގޮތުގައި, މި އިންތިހާބަކީ ދާއިރާތަކާއި އަތޮޅުތަކުގެ އިތުރުން ސިޓީތަކުގެ ތަރައްގީއަށް ޓަކައި ކުރަން ހުރި މަސައްކަތްތައް ފުރިހަމަ ކުރުމަށް ޓަކައި އެ ފިކުރު ހުރި ބޭފުޅުން މަޖިލީހަށް ހޮވުމަށް ޓަކައި އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ އިންތިހާބެކެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހި ރައްޔިތުންގެ އަރިހުން, މި އިންތިހާބުގައި ގައުމުގެ މަސްލަހަތު އިސްކޮށް އެންމެން އެއްބައިވެގެން މި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.