ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް ފައްޓަވަން ހަމަޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް އަހްމަދު ސަލީމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާފައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އޭދަފުއްޓަކީ މިސަރުކާރުން އާބަން ސެންޓަރެއް ގޮތުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ރަށެއް ކަމަށާއި ގެދޮރުވެރިކަމުގެ 1000 ޔުނިޓުގެ މަޝްރޫއެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އަދި މިމަޝްރޫޢު މިހާ ބާރު ސްޕީޑުގައި ކުރިއަށް ދަނީ މިހާރުވެސް އޭދަފުށީ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ސަލީމްގެ އިޚްލާސްތެރި ބުރަ މަސައްކަތްޕުޅުގެ ސަބަބުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"އެއްހާސް ހައުސިންގ ޔުނިޓު މިއީ ރަށަށް، އަދި ދާއިރާއަށް އަދި އަތޮޅަށްވެސް އޭގެ ފައިދާވާނެ ކަމެއް. އެހެންވީމާ މިމަޝްރޫއުގެ ސަބަބުން ދާއިރާގެ ގެދޮރުގެ މައްސަލަ މީގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.
މިހަފްލާގައި ރައީސް ވަނީ ސަލީމު، ރައްޔިތުން މަޖިލީހުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި ސަލީމަށް ވަރަށް ބޮޑަށް ތައުރީފްވެސް ކުރައްވާފައެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައިވެސް އޭދަފުށީ ދާއިރާއަށް ސަލީމް ހޮއްވަވައި ދެއްވުމަށް އޭދަފުށީ ދާއިރާގެ ރައްޔިތުން ކިބައިން އެދިވަޑައިގެންފައެވެ.
"ސަލީމަކީ ލާމަސީލު މަޖިލިސް މެމްބަރެއް. ދެވަނަ ބަހެއް އޭގައި އަޅުގަނޑަށް ބޭނުން ނުވެސް ކުރެވޭހައި ފުރިހަމައަށް ލާމަސީލުކަމާއެކީގައި އިއްޒަތްތެރި މަޖިލިސް މެމްބަރެއް ކިބައިން ފެނިވަޑައިގަންނަވަންޖެހޭ ޒިންމާދާރު ހުރިހާ ކަމަކާ އެކީގައި އަދި އިޚްލާސްތެރިކަމާއެކީގައި މަސައްކަތް ކުރެއްވި ބޭފުޅެއް. އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް" ސަލީމަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވިއެވެ.