ލިޔުނީ: އަޒްހީން

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގާ މޯލްޑިވިއަންގެ އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ފުރަތަމަ މަހު މާލެއިން 66 ބަލިމީހެއް ޒަރޫރީ މެޑިކަލް ފެސިލިޓީތަކަށް ގެންގޮސްފިއެވެ.

މާޗް މަހުގެ އެއްވަނަ ދުވަހު އެއަރ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރި ފަހުން ޑޭޝް-8 އެއަރކްރާފްޓް ބޭނުންކޮށްގެން ޒަރޫރީ ދަތުރުތަކެއް ކުރަމުން އަންނައިރު، ވަގުތުން ވަގުތަށް ކުރަންޖެހޭ މެޑިކަލް ޓްރާންސްޕޯޓްގެ މުހިންމު ބޭނުންތަކަކަށް ހައްލެއް ވަނީ ލިބިފައެވެ.

ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން މި ހިދުމަތުގައި ޑީއެޗްސީ-6 ޓްވިން އޮޓާ ސީޕްލޭނެއް ހިމަނާފައިވާއިރު، އެ ސީޕްލޭންގައި އެއްފަހަރާ ދެ ބަލި މީހުން އުފުލުމުގެ ގާބިލުކަން އޮވެއެވެ. މެޑިކަލް ޕްރޮފެޝަނަލުން ހިމެނޭ ގޮތަށް އިމަޖެންސީގައި ހަރަކާތްތެރިވާ 15 މީހުންގެ ހާއްސަ ޓީމަކާއެކު އެއާ އެމްބިއުލާންސް 24ގަޑިއިރު ހިދުމަތްކުރެެވެ. ހާއްސަކޮށް އަންމުކޮށް ދަތުރު ކުރާ ވަސީލަތްތައް ބޭނުން ކުރަން ދަތި އަދި ދުރު ސަރަހައްދުތަކުގައި ހަލުވި ކަމާއެކު ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސީޕްލޭން ބެހެއްޓުމުގެ މުހިންމުކަން ސަރުކާރުން ފާހަގަކުރެއެވެ. ބަނދަރުތައް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކާއެކުވެސް، ސަރުކާރުން ގެންދަނީ މުޅި ރާއްޖެއަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.