ލިޔުނީ: އަޒްހީން
ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާގައި، މެޑިކަލް ފެސިލިޓީތައް ފުރި، މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު، ޒަކަރިއްޔާ އެސް-ސާސެކް ނަމަކަށް ކިޔާ 12 އަހަރުގެ ކުއްޖަކު މިވަނީ ކެތްތެރިކަމާއި އޯގާތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ޣައްޒާއިން އުފެދިފައެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަލާކުތަކާއެކުވެސް ޒަކަރިއްޔާ އަކީ އަލްއަޤްޞާ ހޮސްޕިޓަލުގެ ވޮލަންޓިއަރ މެޑިކެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދަވާ ކުއްޖެކެވެ.
ހޮސްޕިޓަލުގެ މެޑިކަލް ޓީމްތަކުގެ ބުރަ މަސައްކަތުން ހިތްވަރު ލިބި، ޒަކަރިއްޔާ ވަނީ ކެނޫލާ އެޅުމާއި އައިވީ ފްލުއިޑް އެޓޭޗް ކުރުމާއި ޒަރޫރީ ސިއްހީ ސާމާނު ފޯރުކޮށްދިނުން ފަދަ އެކި މަސައްކަތްތަކުގައި ޑޮކްޓަރުންނަށް އެހީތެރިވުމުގެ ދައުރު ވަރަށް ޝައުގުވެރިކަމާ އެކު އަދާކޮށްފައެވެ.
އަލްއަޤްޞާ ހޮސްޕިޓަލުގެ ޑިރެކްޓަރު އިޔާދު އަބޫ ޒަހެރު ވަނީ ހޮސްޕިޓަލުގެ ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ޒަކަރިއްޔާގެ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދަތި އުނދަގޫ ދަނޑިވަޅެއްގައި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒަކަރިއްޔާގެ މަތިވެރި ސިފައާއި އަމިއްލަ އެދުމެއް ނެތް އަޒުމަށް އަލިއަޅުއްވާލައްވާފައެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، ހަމަނުޖެހުންތަކުގައި 364 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިންގެ ފުރާނަ ވަނީ ގެއްލިފައެވެ. މެޑިކަލް ފެސިލިޓީތަކަށް ކެނޑިނޭޅި އަމާޒުކުރި ނަމަވެސް ޒަކަރިއްޔާ ހުރީ ފަލަސްތީނުގެ އަހުލުވެރިންނާއި އެހެނިހެން ކުދިންްތަކުގެ ހިތާމަތަކަށް ލުޔެއް ހޯދައިދިނުމުގެ އަޒުމުގައެވެ.
ޒަކަރިއްޔާ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކެއެވެ. އަދި ފަލަސްތީނުގައި ސުލްހަ މަސަލަސްކަން ޤާއިމުވެ، އަނިޔާގެ ބިރެއް ނެތި ކުޑަކުދިންނަށް ދިރިއުޅެވޭނެ ދުވަހެއް ވެސް އުއްމީދުކުރެއެވެ.
ޑރ އިޔާދު، ޒަކަރިއްޔާއަށް ތައުރީފު ކުރައްވަނީ އޭނާގެ ވޮލަންޓިއަރ މަސައްކަތުގެ ތެރެއިން ޒަކަރިއްޔާ ގެ ކިބައިގައި އުފެދިފައިވާ އާދަޔާ ޚިލާފު ހިތްވަރާއި އޯގާތެރިކަން ފާހަގަކުރައްވާ ހީރޯއެއްގެ ގޮތުގައެވެ.
ހަމަނުޖެހުންތައް އިތުރުވަމުންދާއިރު ޒަކަރިއްޔާގެ ވާހަކައަކީ އިންސާނީ ރޫޙުގެ ސާބިތުކަމާއި، މުޞީބާތްތަކުގައި ވެސް އޯގާތެރިކަމުގެ ބާރު ދައްކުވައިދޭ ހިތްގައިމު ހަނދާންތަކެކެވެ.
ވީޑިއޯ ލިންކް:
https://fb.watch/rgAoabBGBt/?mibextid=UyTHkb