ސިޔާސީ މަގްސަދެއްގައި މި ސަރުކާރުން އެކަކުވެސް ހައްޔަރު ނުކުރާނެކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރޭ އެމަނިކުފާނު ބައިވެރިވެވަޑައިގަތް އިހަވަންދޫ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް އަހްމަދު ނަސީރުގެ ކެންޕެއިން ހަރަކާތުގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ކުރީގައި ވެރިކަން ބަދަލުވެގެން އަންނައިރު އަބަދުވެސް ރިޔާސީ ކޮމިޝަނެއް އެކުލަވާލާ ނުވަތަ މިފަދަ ކޮންމެވެސް ކަމެއްގެ ތެރެއިން ކުރީގެ ސިޔާސީ ވެރިން ހިފަހައްޓާާ ހައްޔަރުކުރާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެފަދަ ކަމެއް ކޮށްފައިވާތަނެއް ފެނިފައި ނުވާނެ ކަމަށާޢި އަދު ކުރިއައް އޮތް މުސްތަގުބަލުގައި އެފަދަ މަންޒަރެއް ނުފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ޑރ.މުއިއްޒު ވިދާޅުވީ މިސަރުކާރުގައި ފެނިގެންދާނީ ގާނޫނީ ވެރިކަމެއް ކަމަށެވެ. އަދި ގާނޫނީ ގޮތުން ބަޔަކު ކުށެއް ކޮށްފިނަމަ އެކަމުގެ އަދަބު ލިބޭނެ ކަމަށާއި އަދި އެކަން ކުރުމަށް އެމަނިކުފާނުވަނީ މާތް ﷲ ގަންދީ ހުވާ ކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ސިޔާސީވެގެން އެއްވެސް ބޭފުޅަކު ހިފާ ހައްޔަރު ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.