ލިޔުނީ: އަޒްހީން
ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނު މިކަން ހާމަކުރެއްވީ ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯހުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ކުޑަކުދިންގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނާ މެދު އަމަލު ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ. ކުށުގެ ޒިންމާ އުފުލަން ޖެހޭނީ އުމުރުން 15 އަހަރު ން މަތީގެ ކުދިން އެކަންޏެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 200 އެއްހާ ކުދިން ނަކީ ކުށުގެ ތުހުމަތު ކުރެވޭ ނުވަތަ ކުށުގެ ވެށީގައި ބައިވެރިވާ ކުދިންނެވެ. ނަމަވެސް އެއީ 15 އަހަރުން ދަށުގެ ކުދިން ކަމަށްވާތީ އެކުދިން ކުރާ ކުށަށް ޒިންމާ ނުކުރެވެއެވެ. އަދި އޭގެ ތެރޭގައި ގިނައީވެސް 12 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންކަމަށް މިނިސްޓަރް ވިދާޅުވިއެވެ.
ޖިނާއީ ޒިންމާގެ އުމުރު ބައިނަލްއަޤްވާމީ ގޮތުން ތަފާތުވާއިރު، ރާއްޖޭގެ މުޖުތަމަޢަށް ބަލާއިރު ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ކަނޑައަޅަން ޖެހޭ ކަމަށް މިނިސްޓަރ ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގާނޫނީ ގޮތުން ގެނައި ބަދަލުތަކުގެ ސަބަބުން ކޯޓު އަމުރެއް ލިބުމުގައި ދިމާވާ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. ކުޑަކުއްޖަކު ޑިޓެންޝަން ސެންޓަރަކަށް ގެންދަންޖެހޭ ހާލަތްތަކުގައި ކޯޓުން އަމުރު ހޯދަން ޖެހޭ ކަމަށް ޤާނޫނުގައި ބުނެފައިވީ ނަމަވެސް ވަކި ކޯޓެއް ހާމަކޮށްފައިނުވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ މީގެ ކުރިން މިފަދަ މައްސަލަތަކަށް ޤާނޫނު އިސްލާހުކޮށްގެން ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައިނުވާކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ތައްޔާރު ކޮއްފަ އެ ބިލު ކުރިއަށް އޮތް އީދު ޗުއްޓީއަށް ފަހު މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.