ލިޔުނީ: އަޒްހީން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ކުށްކުރާ ޒުވާނުންނަށް ހާއްސަ ރިހެބިލިޓޭޝަން ފެސިލިޓީއެއް ގާއިމުކުރަން ސަރުކާރުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ. އަދި ކެބިނެޓުން މިހާރު ގެންދަވަނީ، މިމަސައްކަތުގެ ތަފްޞީލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.

ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯހުން އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ގާނޫނުގެ ދަށުން ކުށްކުރާ ކުޑަކުދިންގެ ރިހެބިލިޓޭޝަން ސިސްޓަމްގައި ހަދަންޖެހޭ، މަރުކަޒުތަކާއި، ޤާއިމުކުރަންޖެހޭ ނިޒާމު މިސަރުކާރު ވެރިކަމާ ޙަވާލުވީއިރު އޮތީ ފުރިހަމަނުކޮށްކަމަށެވެ. އަދި މި ނިޒާމު ފުރިހަމަ ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ތަފްސީލްކޮށް ދެއްވައި، ކުށުގެ ވެށްޓަށް ހުށައެޅިފައިވާ ކުޑަކުދިންނާއި އަޚްލާގީ މައްސަލަތައް ތަހައްމަލު ކުރަމުންދާ ކުދިން އެކަހެރިކޮށް ރިހެބިލިޓޭޓް ކުރުމަށް ވަކި ރަށެއްގައި ހާއްސަ ފެސިލިޓީއެއް ގާއިމްކުރުން ކަމަށެވެ.

މިނިސްޓަރު އިހުސާން ތަފްސީލު ކޮށްދެއްވި ގޮތުގައި ކުށްކޮށްފައިވާ ކުޑަކުދިންގެ ބެލުމުގެ ދަށަށް ދައުލަތަށް ނެގޭނީ ކޯޓު ޢަމުރަކުންކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ދިއުމަށްފަހު، އެ ފެސިލިޓީގެ ދަށުން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެކަމަށެވެ.

"އެ ސެންޓަރުގައި ކުރެވޭނެ ކަންކަމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަންކަން އެކުދިންލައްވާ ކުރުމާއި، އެކުދިންނަށް ޢުމްރާ ގުޅޭގޮތުން ރަސްމީ ތަޢުލީމް ދިނުމާ، އޭގެއިތުރުން އަޚްލާގީގޮތުން އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމާ އެއާއެކު ސްކިލްސް ޑިވެލޮޕްމަންޓާ، ކޮންމެ ކުއްޖަކަށް ދޭންޖެހޭ ވަކި ސައިކޯ ސޯޝަލް އިންޓެވެންޝަން ޕްރޮގްރާމެއް ހެދި އެކުދިންނަށް ކަސްޓަމައިޒްޑް އިންޓެވެންޝަން ޕްރޮގްރާމެއް ހެދުން." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވަނީ ކުށްކުރާ ކުޑަކުދިން ކުށުގެ ވެށިން ނެގޭ ހިސާބުން ފެށިގެން 18 އަހަރު ވަންދެން އެ ކުދިން ދައުލަތުން ބެލެހެއްޓުމަށް ސަރުކާރުން ވިސްނަމުން އަންނަކަމަށް ވިދާޅުވެފައެވެ.

މިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ ރާއްޖޭގައި 200 އެއްހާ ކުދިން ކުށުގެ ވެށިން ސަލާމަތްކޮށް ފަރުވާދެ ބޭނުންވެފައި އެބަތިބިކަމަށެވެ. ނަމަވެސް އެކުދިންނަށް އެކަށީގެންވާ ފަރުވާ ދެވޭނެ ފެސިލިޓީއެއް މިވަގުތު ރާއްޖޭގައި ނެތުވެ.