ލިޔުނީ: އަޒްހީން

ފެނަކަ ކޯޕަރޭޝަންގެ ޙާލަތު ރަނގަޅުކުރުމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައީސް ޖަވާބު" ޕްރޮގްރާމުގައި މިއަދު ވ.ރަކީދޫގެ މުނީސާ ދާއޫދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގިނަ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފެނަކަ ކޯޕަރޭޝަނަށް ހާލަތު އޮތީ ވަރަށް ގޯސް ކަމަށެވެ. އަދި އެ ކޯޕަރޭޝަން ވަރަށް ބޮޑަށް ދަރާފައި އޮތުމުގެ ސަބަބުންނާއި ރަށްރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރު ސެޓުތައް ބަލަހައްޓާފައިނުވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޖަނަރޭޓަރު ސެޓުތައް ބަދަލުކުރަން ޖެހޭ ކަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިހާރުވެސް ބައެއް ރަށްތަކަށް ޖެންސެޓުތައް ގެންގޮސް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިފައިވަނީ. ފެނަކައިގެ ހާލަތު ރަނގަޅު ކުރުމާއެކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން" ރައީސް ވިދާޅުވިއެވެ.