ސައުދީއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު މިއަދު ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލެއާއި ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރުގެ ރޭޓުން ކަމަށާއި ކަދުރު ދޫކުރަނީ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށެވެ.
މިއަދާއި މާދަމާގެ އިތުރުން މި މަހުގެ 14 އިން 18 އަށް މިނިސްޓްރީއިން ކަދުރު ބަހާނީ މެންދުރުފަހު 1 އިން 3 ޖެހުމުގެ ނިޔަލަށެވެ. އަދި މި މަހުގެ 23 އިން 25 އަށް ކަދުރު ބަހާނީ ހެނދުނު 09:30 އިން މެންދުރު 12 ޖެހުމުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރުވެސް ސައުދީއިން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާއިރު މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީއިން ކަދުރު ދޫކޮށްފައިވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އެއް ޕެކެޓެވެ.