ލިޔުނީ: އަޒްހީން
ސްކޫލަތަކަށް ބޭނުންވާ ވަރަށް ސްކޫލް ކައުންސެލަރުން ތަމްރީނު ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކުރާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަށް ހައްލު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ވިދާޅުވީ މިފަދަ ހިތްދަތި ހާދިސާތައް އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ ތެރޭގައި އާންމުވުމުން ތައުލީމީ ނިޒާމުގެ ތެރެއިން އެފަދަ މައްސަލަތައް ބަލަނީ ކިހިނެއްތޯ ރައްޔިތުން ސުވާލު އުފައްދާނެ ކަމަށެވެ.
ޑރ. ޝަފީއު ވިދާޅުވީ އެކަށީގެންވާ މިންވަރަށް ސްކޫލް ކައުންސެލަރުން ތަމްރީނު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ޑރ. ޝަފީއު ނޫސްވެރިންނާ މުހާތަބު ކުރައްވައި ވިދާޅުވީ ސްކޫލްތަކުގައި ބުލީކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށާއި ކައުންސެލަރުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ކަމަށެވެ.
މިވަގުތު ސަރުކާރުގެ 225 ސްކޫލެއްގެ ތެރެއިން ކައުންސެލަރުން ތިބީ އެންމެ 51 ސްކޫލެއްގައި ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. ޑރ. ޝަފީއު ވިދާޅުވީ ކައުންސެލަރ ޓްރެއިނިން ޕްރޮގްރާމްތައް މެދުވެރިކޮށް ބުލީކުރާ ނިސްބަތް ދަށްކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ރިޕޯޓުކުރި 26 މައްސަލަ ބަލައިގަނެ، މިފަދަ ކަންކަން ހުއްޓުވުމަށާއި މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ސިޔާސަތުތައް ސަރުކާރުން އަންނަނީ އަމަލީ ގޮތުން ތަންފީޒު ކުރަމުންނެވެ.
ޑރ. ޝަފީއު ވިދާޅުވީ ތަކުރާރުވާ މައްސަލަތަކުގައި ގާއިމުކުރެވިފައިވާ ގަވާއިދުތަކާާ އެއްގޮތަށް ސްކޫލްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެއްވެސް މައްސަލައެއް ހައްލު ނުކޮށް ނުބާއްވާނެކަމަށެވެ.