ލިޔުުނީ: އަޒްހީން

މިރަމަޟާން މަހާ ދިމާކޮށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަރަންޓު ލިބުމުގައި ދަތިތަކެއް ކުރިމަތި ވެފައިވާތީ މިމަހުގެ ކަރަންޓް ބިލުން އެސިޓީގެ ރައްޔިތުންނަށް ފަންސާސް ޕަސެންޓް ޑިސްކައުންޓް ދޭން ފެނަކައިން ނިންމައިފިއެވެ.

ފެނަކައިން މިރޭ ނެރެފައިވާ އިއުލާނެއްގައި ބުނީ ކުޅުދުއްފުށީ ސިޓީގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެނަކައިން ކުރަމުން އަންނަ ކަމަށާއި މިހާރު އެ ސިޓީއަށް އާ ޖަނަރޭޓަރު ސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ކަރަންޓު ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ޒިންމާ ނަގަން މި މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށާ އެކުންފުނިން ކުޅުދުއްފުށި ރައްޔިތުންނަށް ދިމާވި ގޮންޖެހުންތަކަށް ނިހާޔަތަށް މާފައެދޭކަމަށެެވެ.

މީގެ އިތުރުން ފެނަކައިން ބުނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބޮޑެތި އިހުމާލުތަކެއް ވެފައިވުމުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އެ ކޯޕަރޭޝަނުން އަންނަނީ ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.