ޒަކާތު ފަންޑުން ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް އެހީވާން ސަރުކާރުން ފުރަތަމަ ބުރުގައި ފޮނުވަނީ އެއް ލައްކަ ޑޮލަރުކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ޒަކާތު ފަންޑުން ގައްޒާގެ އަޚުންނާ އުޚުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.
އަދި މީގެކުރިންވެސް ރާއްޖެއިން ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފައިސާ ފޮނުވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން އުފައްދާފައިވާ ފަންޑެކެވެ. އެކަން އިތުރަށް ހަރުދާކުރުމަށް މި ސަރުކާރުން ވަނީ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ގާއިމުކޮށްފައެވެ.
އެ މިނިސްޓްރީން މި ފަހަރު ގައްޒާ އަށް ފައިސާ ފޮނުވަނީ ދެ ބަހަކަށް ބަހާލައިގެންނެވެ. މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރެވެ.