އިޒްރޭލުގެ ރަފާއަށް އަރައިގަތުމުގެ އިންޒާރު ދިނުމުން އަލުން ސުލްހައިގެ މުއާމަލާތްތައް ފެށުމުގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް ހަމާސްގެ ތަރުޖަމާނު ސާމީ އަބޫ ޒަހްރީ އަލްޖަޒީރާއަށް ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލުގެ ސިފައިން ރަފާހަށް ހަމަލާދޭން އަރައިގަތުމަށްޓަކައި ތާރީހެއް ކަނޑައަޅައިފި ކަމަށް ބުނެފައެވެ. ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަކީ ފަލަސްޓީނުގެ ގެދޮރު ގެއްލިފައިވާ 1.4 މިލިޔަން ރައްޔިތުން ދިރިއުޅޭތަނެކެވެ. އިޒްރޭލަށް ފަންޑު ކޮށްދޭ އެމެރިކާއިން ވެސް ވަނީ ޣައްޒާގެ ރަފާހަށް އަރައިގަތުމާއި ދެކޮޅުހަދާފައެވެ. ނަމަވެސް ނަތަންޔާހޫ މީގެތަންކޮޅެއް ކުރިން ވިދާޅުވެފައިވާ ގޮތުން މިހަނގުރާމަ ނިމުމަކަށް އަންނާނީ އިޒްރޭލަށް ފަލަސްތީނުގެ ބިން އެއްކޮށް ލިބުމުންނެވެ. އަދި އެކަކަށް ވެސް އިޒްރޭލުގެ ހަމަލާތަކެއް ނުހުއްޓުވޭނެ ކަމަށް ނަތަންޔާހު ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ދާ ހަމަލާތަކުގައި 33،000 އަށް ވުރެގިނަ މުސްލިމުންވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި 13،000 އަށް ވުރެގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 75،000 އަށްވުރެގިނަ މީހުން ވަނީ ޒަހަމްވެފައެވެ.