ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ އާސެނަލް އާއި ބަޔާން މިއުނިކް ވަނީ ކުރިމަތި ލާން ޖެހިފައެވެ.

މިރޭ ދަންވަރު 00:00 ގައި ކުޅޭ ކުއާޓާއަށް ދެ ޓީމުން ނިކުންނައިރު މިއީ އާސެނަލްއާއި ބަޔާން ޔޫސީއެލްގެ ނޮކްއައުޓް ސްޓޭޖުގައި ބައްދަލު ކުރާ ފަސްވަނަ ފަހަރެވެ. މީގެ ކުރިން ދެ ޓީމު ޔޫސީއެލްގެ ނޮކްއައުޓް ރައުންޑެއްގައި ބައްދަލު ކުރި ހަތަރު ފަހަރު ވެސް ބަޔާނުން ވަނީ އާސެނަލް މައްޗަށް ކުރި ހޯދާފައެވެ. އެންމެ ފަހުން ދެ ޓީމުން ނޮކްއައުޓް ސްޓޭޖުގައި ބައްދަލުކުރި ފަހަރު ބަޔާނުން އާސެނަލް ކަޓުވާލީ 10-2 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކުންނެވެ.

ފޯމުގެ ގޮތުން ބަލާނަމަ އާސެނަލް އަކީ މި ވަގުތު ޔޫރަޕުގައި އެންމެ ފޯމުގައި އޮތް ޓީމެވެ. އާސެނަލް ވަނީ 2024 ވަނަ އަހަރު އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން 11 މެޗު ކާމިޔާބު ކޮށްފައެވެ. މި އަހަރު އާސެނަލް ލީގުގައި ބަލިވެފައިނުވާއިރު އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައެވެ.

މި ކުއާޓާއަށް އާސެނަލް ނިކުންނަނީ ވަރަށް ފޯމުގައި ކަމުގައިވާއިރު މިރޭގެ މެޗަށް ނިކުންނައިރު ބަޔާން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ބަޔާން ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. އޭގެ އިތުރުން ބަޔާން އޮތީ ޖަރުމަނުގެ ބުންޑަސްލީގާގައި އެއްވަނައިގައި އޮތް ލެވަކޫސަންއަށް ވުރެ 16 ޕޮއިންޓު ފަހަތުގައެވެ.

އާސެނަލް އާއި ބަޔާން ވާދަކުރާ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ކުޅެވިގެންދާނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.