ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަނުން މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑު ވަނީ ކުރިމަތިލާން ޖެހިފައެވެ.

ރެއާލް އާއި ސިޓީ މިރޭ ދަންވަރު 00:00 ގައި ބައްދަލު ކުރާ ކުއާޓާއަށް ނިކުންނައިރު މިއީ އެ ދެޓީމު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖެއްގައި ޖެހިޖެހިގެން ބައްދަލު ކުރާ ތިންވަނަ އަހަރެވެ. އެންމެ ފަހުން މި ދެޓީމު ބައްދަލު ކުރި ނޮކްއައުޓް ސްޓޭޖުގައި އެގްރިގޭޓުން 5-1 އިން ކުރިހޯދާފައިވަނީ ސިޓީއެވެ. ޔޫސީއެލްގައި ސިޓީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން ރެއާލަށް މޮޅުވެވިފައިވަނީ އެންމެ ފަހަރަކުއެވެ.

ފޯމުގެ ގޮތުން ދެޓީމަށް ބަލާލާއިރު ދެޓީމު ވެސް އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ސިޓީ ވަނީ މި އަހަރު 18 މެޗު ކުޅެ އޭގެ ތެރެއިން 15 މެޗުން މޮޅުވެފައެވެ. ސިޓީ މި އަހަރު އަދި އެއްވެސް މެޗަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ސިޓީ އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ ހަތަރު މަސް ކުރިން އެސްޓޮން ވިލާ އަތުންނެވެ.

މިރޭގެ ކުއާޓާއަށް ނިކުންނައިރު ސިޓީއެކޭ އެއްގޮތަށް ރެއާލް ވެސް އޮތީ ވަރަށް ފޯމުގައެވެ. ރެއާލް ވަނީ މި އަހަރު ކުޅުނު 18 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފައެވެ. ސްޕެނިޝް ލަލީގާގައި ކުޅޭ ރެއާލު މި އަހަރު އަދި ލީގުގައި ބަލިވެފައިނުވާއިރު, އެ ޓީމު އޮތީ 8 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ.

ސިޓީ އާއި ރެއާލު ބައްދަލުކުއާ ވާދަވެރި ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ކުޅެވިގެންދާނީ ރެއާލުގެ ސެންޓިއާގޯ ބާނަބާއޯ ސްޓޭޑިއަމްގައެވެ.