ޖުމްހޫރީ މައިދާނުގައި ހުރި ފެންވަރުވާ ވަޑާން (ފައްވާރާ) އެމްޓީސީސީއިން ކުރު މުއްދަތެއް ތެރޭގައި މަރާމާތުކުރީ މާލޭ ސިޓީ ކައުންސިލުން އެގޮތަށް އެދިފައިވާތީ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިތުރުފުޅު ހައްދަވައިފިއެވެ.

މީގެ ގަޑިއެއްހައިރު ކުރިން މޭޔަރު އާޒިމް "އެކްސް"ގައި ވިދާޅުވީ "މާލެސިޓީ ކައުންސިލްގެ އެދުމުގެ މަތިން ‪Maldives Transport and Contracting Company Plc‬ މެނޭޖްމެންޓު އަދި މުވައްޒަފުން ކުރު މުއްދަތެއްގެ ތެރޭގައި ފައްވާރާ މަރާމާތުކޮށް ދިއްލުމަށް ކޮށްދެއްވި ފުރިހަމަ މަސައްކަތަށް ޝުކުރު އަދާކުރަން" ކަމަށެވެ.

އެކަމަކު އެމްޓީސީސީއިން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެކުންފުނިން ފެންއަރުވާ ވަޑާން މަރާމާތު ކުރީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން އެކުންފުނީގެ ސީއެސްއާރުގެ ދަށުން ކަމަށެވެ. ރައީސް ވަނީ މީގެ ކުރިން ބައެއް ޖަލްސާތަކުގައި މިފަހަރުގެ ފިތުރު ޢީދަށް ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ހުޅުައްވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.

ޖުމްހޫރީ މައިދާނުގައި މިހާރު ފެންނަން ހުރި ގޮތަށް ފެންއަރުވާ ވަޑާން ތަރައްޤީކޮށް ފުރަތަމަ ހުޅުވީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަން ފަންސާހާ ގުޅިގެންނެވެ. އޭރު މިމަސައްކަތުގެ މޭސްތެރިއަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ.މުއިއްޒެވެ.

2018 އިން 2023 އަށް އެމްޑީޕީއިން ރާއްޖޭގެ ވެރިކަންކުރިއިރު، ފެންއަރުވާ ވަޑާން ހަލާކުވެ ޖުމްހޫރީ މައިދާނުން ދިރުން ގެއްލިފައިވާއިރު، މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ. ފެންއަރުވާ ވަޑާން އޮތީ މަރާމާތު ނުކޮށް ދޫކޮށްލެވިފައެވެ.

ރައީސް ޑރ.މުހައްމަދު ރޭ މާލެ އާއި ރާއްޖޭގެ އެހެނިހެން ސިޓީތަކާއި ވެރިކަން ކުރާ ރައްތަށް ދިއްލުމަށް ބޭއްވި "އީދު އަލި" ދިއްލުމާއި ފެންއަރުވާ ވަޑާން ހުޅުއްވައި ދެއްވުމަށް ބޭއްވެވި ހަފްލާގައި ވަނީ އެމްޓީސީސީ އަށާއި ސްޓެލްކޯ އަދި މިނިސްޓްރީ އޮފް ސިޓީސް އަށާއި ކައުންސިލްތަކުން އެމަނިކުފާނުގެ ވައުދުފެއްދެވުމަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

"އީދު އަލި" ނަމުގައި ރާއްޖޭގެ ތާރިހުގައި ފުރަތަމަ ފަހަރަށް އިސްލާމީ ޝިއާރު މަތިވެރިކޮށް މާލެ ސިޓީ ދިއްލާލީ މިދިޔަ އަހަރުގެ އަޟްހާ އީދުގައެވެ. އޭރު މާލެ ސިޓީގެ މޭޔަރަކަށް ހުރެ މިކަން ކުރެއްވީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އެމްޑީޕީގެ ވެރިކަމުގައި މިފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.