މިދިޔަ މަހުގެ ނިޔަލަށް 13.9 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ވަނީ އެކަން ހާމަ ކުރައްވާ އެކްސްގައި ފޯސްޓެއް ކުރައްވައިފައެވެ.

އެ ޕޯސްޓްގައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު ހާމަކުރައްވާފައެވެ.

ޖުމުލަ 13.916 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވާއިރު އެންމެ ގިނައިން އަތުލައިގަނެވިފައި ވަނީ ސިންތެޓިކް ކެތިނޯން އެވެ. އެގޮތުން 6.5 ކިލޯގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައެވެ.

ކަސްޓަމްސްއިން ހާމަ ކުރެއްވި ތަފާސްހިސާބުގައި ވާ ގޮތުން އަތުލައިގަނެފައިވާ މަސްތުވާ ތަކެތީގެ ތެރޭގައި ހިމެނެނީ 6،544 ގުރާމު ސިންތެޓިކް ކެތިނޯންނާއި، 5،300 ގުރާމު ހިރޮއިންއާއި 1،152 ގުރާމު އެމްޑީއެމްއޭއާއި، 570 ގުރާމު މެތަމްފެޓަމިންނާއި، 350 ގުރާމު އެމްފެޓަމިންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމާގުޅުން ހުރި އިދާރާތަކުން އަންނަނީ ގިނަ ފިޔަވަޅު ތަކެއް އަޅުއްވަމުންނެވެ.