ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑު އަތުން 3-3 އިން މެންޗެސްޓާ ސިޓީ އެއްވަރުވެއްޖެއެވެ.
ރެއާލް މެޑްރިޑުގެ ދަނޑު ކަމުގައިވާ ސަންޓިއާގޯ ބާނަބާއޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ. މެޗު ފެށިގެން ދެ މިނެޓު ތެރޭ ސިޓީ ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން ބާނާޑޯ ސިލްވާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ސިޓީއަށް މެޗުގެ ލީޑު ހިފެހެއްޓުނީ އެންމެ ދިހަ މިނެޓަށެވެ. ރެއާލު ވަނީ މެޗުގެ 12 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ރެއާލުގެ ކަމަވިންގާ ފޮނުވާލި ބޯޅައަކުން, ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން ރޮޑްރީގޯ ވަނީ ލަނޑެއް ޖަހައި ރެއާލަށް މެޗުގެ ނަތިޖާ އަނބުރާލަދީފައެވެ. ރޮޑްރީގޯގެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އިން ރެއާލު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސިޓީ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް އެތައް ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ސިޓީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިއާ ބޭރުން ގޯލުގެ ކަނަށް ފޮނުވާލައިގެން, ސިޓީގެ ފިލް ފޯޑެން ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ފަސް މިނެޓު ފަހުން ސިޓީގެ ޑިފެންޑަރު ގުވާޑިއޮލް ވަނީ ލަނޑެއް ޖަހާ, މެޗުގައި ދެވަނަ ފަހަރަށް ސިޓީއަށް ލީޑު ނަގާދީފައެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ރެއާލު ވަނީ އަނެއްކާ ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ވިނީޝިއަސް ޖޫނިއާ ނަގައިދިން ބޯޅައަކުން ފެޑެރީކޯ ވަލްވާޑޭ ކާމިޔާބު ކުރި ލަނޑެކެވެ. ވަލްވާޑޭގެ ލަނޑާއެކު މެޗު ނިމިގެންދިޔައީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ދެ ޓީމުން ބައްދަލު ކުރާނީ ސިޓީގެ ދަނޑު ކަމުގައިވާ އިއްތިހާދު ސްޓޭޑިއަމްގައެވެ. މި މެޗު ކުރިއަށް ދާނީ 18 އޭޕްރީލް ވާ ދުވަހުގެ ދަންވަރު 00:00 ގައެވެ.