ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން ބަޔާނުން އެއްވަރުކޮށްފިއެވެ.
އާސެނަލްގެ ދަނޑު ކަމުގައިވާ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ.
ރޭގައި ކުޅުނު ވާދަވެރި މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މި ލަނޑަކީ މެޗުގެ 12 ވަނަ މިނެޓުގައި ބުކާޔޯ ސާކާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. އާސެނަލްއަށް މެޗުގެ ލީޑު ހިފެހެއްޓުނީ އެންމެ ހަ މިނެޓަށެވެ. މެޗުގެ 18 ވަނަ މިނެޓުގައި, ކުރިން އާސެނަލްއަށް ކުޅެދިން ކުޅުންތެރިޔެއް ކަމުގައިވާ ސާޖް ގްނާބްރީ ވަނީ ލަނޑު ޖަހާ ބަޔާނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް, ބަޔާނުގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ޕެނަލްޓީއަކީ ލެރޯއީ ސާނޭއަށް, އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ. ކޭން ކާމިޔާބު ކޮށްދިން ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އިން ބަޔާން ކުރީގައި އޮވެގެންނެވެ.
އާސެނަލްއަށް ބަޔާނުގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލައި, މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ލިއަންޑްރީ ޓްރޮސާޑް ކާމިޔާބި ކޮށްދިން ލަނޑެކެވެ. ޓްރޮސާޑުގެ ލަނޑާއެކު މެޗު ނިމިގެންދިޔައީ 2-2 އިން ދެ ޓީމުގެ މެދުގައި އެއްވެސް ފަރަގެއް ނެތިއެވެ.
ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ދެ ޓީމުން ބައްދަލު ކުރާނީ ބަޔާނުގެ ދަނޑު ކަމުގައިވާ އެލިއަންޒް އެރީނާގައެވެ. މި މެޗު ކުރިއަށް ދާނީ 18 އޭޕްރީލް ވާ ދުވަހުގެ ދަންވަރު 00:00 ގައެވެ.