ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން 3-2 އިން ޕީއެސްޖީ ބަލިވެއްޖެއެވެ.

ޕީއެސްޖީގެ ދަނޑު ކަމުގައިވާ ޕާކް ޑެ ޕްރާންސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ބާސާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ, މެޗުގެ 37 ވަނަ މިނެޓުގައި ރަފީނިއާއެވެ. ރަފީނިއާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

ޕީއެސްޖީއިން ދެވަނަ ހާފު ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ޕީއެސްޖީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކުރިން ބާސާއަށް ކުޅެދިން ކުޅުންތެރިޔެއް ކަމުގައިވާ އުސްމާން ޑެމްބެލޭއެވެ. އޭގެ ދެ މިނެޓު ފަހުން ވިޓީނީއާ ވަނީ ލަނޑެއް ޖަހާ ޕީއެސްޖީގެ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

ޕީއެސްޖީ މެޗުގެ ލީޑު ނެގުމާއެކު ބާސާގެ ކޯޗު ޒަވީ ވަނީ ޓީމަށް ބައެއް ބަދަލުތައް ގެނެސްފައެވެ. ގެނައި ބަދަލުތަކާއެކު ބާސާ ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 62 ވަނަ މިނެޓުގައި ލަނޑު ޖަހާފައެވެ. މި ލަނޑަކީ ބަދަލު ކުޅިންތެރިޔެއް ގޮތުގައި އެރި ޕެޑްރީ ފަހިކޮށްދިން ފުރުސަތަކުން ރަފީނިއާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ބާސާއިން މެޗުގެ ނަތީޖާ އަނބުރާލީ 76 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ފަހިވި ފުރުސަތަކުން ބާސާގެ ޑިފެންޑަރު ކްރިސްޓެންސެން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ކްރިސްޓެންސެން ކާމިޔާބު ކޮށްދިން ލަނޑާއެކު ބާސާއަށް ވަނީ އަމިއްލަ ރަށުން ބޭރުގައި ޕީއެސްޖީ ބަލިކުރެވިފައެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ދެ ޓީމުން ބައްދަލު ކުރާނީ ބާސާގެ ދަނޑު ކަމުގައިވާ ކޭމްޕް ނޫ ސްޓޭޑިއަމްގައެވެ. މި މެޗު ކުރިއަށް ދާނީ 17 އޭޕްރީލް ވާ ދުވަހުގެ ދަންވަރު 00:00 ގައެވެ.