ޔަތީމު ކުދިންނަށް ޒަކާތު ހައުސް އިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ގާއިމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު އިިތުރަށް ވިދާޅުވީ މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

ޒަކާތު ހައުސް އަކީ އިސްލާމީ ޝަރީއަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމްކުރެވޭ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ ދަށުން އެކުލަވާލެވިފައިވާ އިދާރާއެކެވެ.

އެ އިދާރާ ގާއިމުކުރުމުގެ ބޭނުމަކީ ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކޮށް އެ ނިޒާމު ހަރުދަނާ ކުރުމުގެ ބޭނުމުގައެވެ.

އަދި ޒަކާތު ހައުސް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިދާރާއެއްވެސް މެއެވެ.