ލ.ކަލައިދޫ ބަނދަރުގެ ހާލަތު ރަނގަޅު ކޮށްދެއްވުމަށްއެދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އަރިހު އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

ކަލައިދޫ ކައުންސިލުން މިހެން އެދިފައިވަނީ ރައީސް ޑރ. މުއިއްޒު އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ކަލައިދޫ އިޖުތިމާއީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކަލައިދޫގެ ތަރައްގީއަށް ބޭނުންވާ ބައެއް މަޝްރޫއުތައް ހުއްޓިފައިވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ މައްޗަށް އެރަށު ކައުންސިލުން އަލިއަޅުވާލައްވާފައިވެއެވެ. މީގެ އިތުރުން ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ މައްޗަށް ކައުންސިލް މެންބަރުން އަލިއަޅުވާލައްވާފައިވެއެވެ. އަދި ރަށުގެ އިހްތިސާސްގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދެއްވުމަށް ރައީސްގެ އަރިހުގައި ކަލައިދޫ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، އެ ރަށު ފުޓްސަލް ކުޅޭނެ ބޮޑު ދަނޑެއް އެޅުމުގެ މުހިންމުކަމާއި ބޮޑު މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކަލައިދޫ ކައުންސިލްގެ ފަރާތުން ވަނީ ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.

އަދި ނި ނައްތާލުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކުރުމާއި ރަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަހައްދެއްގެ އިތުރުން ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.