ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫއުތައް ހިންގާނެ އެއް ރަށަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށްގެންދިއުމުގައި ވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަންދެއްވާނެކަމަށެވެ. އަދި ތަރައްގީގެ ކަންކަން އަމަލީގޮތުން ކުރިޔަށްގެންގޮސްދެއްވައި ގަމުގެ ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެކަމަށާއި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާކަމުގައެވެ. އަދި ގަމުގައި އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރައްވާނެކަމުގައި ވެސް ވިދާޅުވެފައެވެ.
ހައްދުންމަތީ ގަމަކީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި އެންމެ ފަހު ރަށެވެ.