ލިޔުނީ: އަޒްހީން

މަގޫދޫގެ އެއާޕޯޓްގެ އިތުރުން އެ ރަށުގައި ހިންގާ ތަރައްގީގެ އެހެން މަޝްރޫއުތައްވެސް ހުއްޓައިނުލައި ނިންމައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފ.ބިލެތްދޫ ފެނަކަ އޮފީހުގައި މަގޫދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި މަގޫދޫ ކައުންސިލުން ވަނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން މަގޫދޫ ކައުންސިލުން އެރަށުގެ ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި، ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަމާމެދު ވާހަކަ ދައްކާ، ރަށުގައި ފަށާފައިވާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ރައީސް ޑރ. މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައިވެއެވެ. ހަމައެހެންމެ އ.ތ.މ ކޮމިޓީން ބަޖެޓުގެ ދަތިކަމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި ވާހަކަދައްކާފައިވެއެވެ.

މަގޫދޫ ކައުންސިލުގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަމަށާއި މަގޫދޫގެ އެއަރޕޯޓްއާއި އެރަށު ތަރައްޤީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައި ނިންމަވައި ދެއްވާނެކަމަށެވެ. އަދި އިތުރު އެހެން ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.