ދެވަނަ ބައި

"ޒާއިރާ!' ޒާއިރާގެ ކަންފަތަށް އެ އަޑު އިވުނެވެ. އެއީ ފިރިހެން އަޑަކަށް ވިޔަސް ޒާއިރާގެ ސަމާލުކަމެއް އެ އަޑަކަށް ނުހުއްޓުނެވެ.

"އޭ! އަންނަން އުޅޭ! އެ އޮތް އަނދިރި ވަނީނު! މިތާ ތިބި އެންމެންތައް ގޮސް ނިމިއްޖެ!. ދެން ފޮޓޯ ނަގާނީ މާދަމާ!" ތަންކޮޅެއް ބާރަށް މަލާކު ބުނި އަޑު އިވުމުން ޒާއިރާ ފަސް އެނބުރި ބަލައިލިއެވެ. އަދި ވަށައިގެންވާ މާހައުލުގައި ކުރިން ތިބިހާ މީހުން ވަރަށް މަދުވެ ދެތިން ޖޯޑަށް ވެފައިވާ ތަން ފެނުމުން ހީނލަމުން ޒާއިރާ ހިނގައިގަތީ މަލާކުއާ ދިމާއަށެވެ.

ދެކުދިން ގެއަށް އަންނަން ޖެހުނީ ހިނގާފައެވެ. އެހެންކަމުން ގެއާ ހަމައަށް އާދެވުނުއިރު ދެ ކުދިން ވެސް ތިބީ ގުނބު ހިލި މާނޭވާލެވިފައެވެ.

ފުރަތަމަވެސް ލިބިފައިވާ ވަރުބަލިކަމާ ލޮޑުކަން ފިލުވައިލުވުމުގެ ބޭނުމުގައި ދެކުދިން ވެސް ބޭނުންވީ ތަނެއްގައި ބުރަކަށި ޖައްސާލާ އޮށޯވެލުމަށެވެ. ދޮރާށި ހުޅުވާލުމަށްފަހު ވަދެގެންދިޔަ މަލާކުގެ ފަހަތުން ދަމުން ދަމުން ޒާއިރާއަށް ބޭއިޚުތިޔާރުގައި އަތުން ޖަހައިލެވުނީ އަރިމަތީ ހުރި ހުވަނދުމާގަހުގައެވެ. މަޑުމަޑުންނެވެ. އަދި ނޯށްދަމާލާ ހުވަނދުމަލުގެ ހިތްގައިމު ވަހުން ރޫޙަށް ތާޒާކަމާ އުފާވެރިކަން ލިބިގަތެވެ. އަދި އެންމެ ފަސޭހައިން އަތު ޖެހުނު މާ ބިނދެގެން ގޮސް ޒާއިރާ އޮށޯތީ ޖޯލީގައެވެ. ހަމަ ޖެހިލަމުން ބިނދެގެން ގެނައި މަލުގައި ވަސްބަލައިލިއެވެ. އޭރު މަލާކު އުނދޯލީގައި އޮށޯވެ އޮތެވެ.

މާގިނައިރެއް ނުވެއެވެ. ފާޚާނާއަކަށް ދާންޖެހިއްޖެކަމަށް ބުނަމުން މަލާކު ވަދެގެން ދިޔައީ އެތެރެއަށެވެ. ޒާއިރާ އޮތީއެވެ. އުޑުގައި ހުރި ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އޮތް ޒާއިރާއަށް ފާހަގަކުރެވުނީ ރީތި ހަނދުވަރާ އެކު މޫސުމުގެ ރީތިކަމެވެ. ވައިރޯޅިއެއްހާ ހިސާބުވެސް ޖެހިނުލާ މިރެއަކީ ހަނދުމަހުގެ ކިތައް ވަނަ ރޭކަމާމެދު ޒާއިރާ ވިސްނައިލިއެވެ.

އެ ވިސްނުމުގެ ތެރެއަށް ގެއްލިފައިވާ ޒާއިރާއަށް އިވުނީ ވައި އަޑުން ކަހަލަ ގޮތަކަށް މީހަކު ގޮވައިލި އަޑެވެ. އެއީ ހީއެއްކަމަށް ބަލާ ޒާއިރާ ކުރިން ވެސް ނަޒަރު ހުއްޓާލައިގެން އޮތް ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ކުއްލިއަކަށް ލޯކުރިމަތިން ބަށިބޯޅައަކަށްވުރެ ތަންކޮޅެއް ސައިޒުން ކުޑަ އަލިކޮޅެއް މަތިން ތިރިއަށް ވެއްޓިގެން އައިތަން ފެނުމުން ޒާއިރާއަށް އެ ދިމާއަށް ސަމާލުކަން ދެވުނެވެ. އެހެންނަމަވެސް ދެންވެސް އެތާ އޮތްގޮތަށް މަޑުން އޮތީއެވެ.

ޒާއިރާއަށް ޖޯލީގައި އޮތްވާ ނިދުނީ ކިހާއިރަކަށް ކަމެއް ނޭނގެއެވެ. ހޭލެވުނީ އާދަޔާޚިލާފު ފިނިކަމެއް އިޙުސާސްވުމުންނެވެ. އެ ފިނިކަމާއެކު ހުވަނދުމާ ވަސް ވެސް މާގަދަޔަށް ދުވާކަމަށް ޒާއިރާއަށް ހީކުރެވުނެވެ. ބޮލަށް އެނބުރުން އަރާވަރަށް މަލުގެ ތާސީރުގެ އަސަރު ސިކުނޑީގައި ހުއްޓެވެ.

"ނިދަނީތަ ތިތާ އޮވެގެން!" ޒާއިރާއަށް ފުންމައިގެން ތެދުވެ ބަލައިލެވުނެވެ. އޭރު ޒުހުރާ އައިސް އޭނަގެ ކުރިމަތީ ހުއްޓެނީއެވެ.

"ކުޑަކޮށް ނިދިޖެހުނީ! ދެން ވަންނަންވީ ފެންވަރާލަން!" މޫނުގައި އަތްހާކާލަމުން ޒާއިރާ ތެދުވިއެވެ. އަދި މަޑުމަޑުން ހިނގާލާފަ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު އެގޭ ސިޓިންރޫމުގައި ތިން އަންހެނުން އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. މަލާކު ނިދިއަންނަނީކަމަށް ބުނެފައި ވަނުމުން ޒާއިރާ ވެސް ވެފައިވާ ވަރުބަލިކަމުން ބޭނުންވީ އަވަހަށް ނިދާލުމަށެވެ.

ޒާއިރާ އޮތީ އޭނަގެ އެނދުގައެވެ. ނިދާފައެވެ. ކޮޓަރީގެ ބޮކި ހުރީ ނިދާ ބޮތްކަށް ބަދަލުކޮށްފައެވެ. އެހެންކަމުން ކޮޓަރީގައި ހުރީ ވަރަށް ފަނޑު ފަނޑު ރީނދޫ އައްޔެކެވެ. ނިދިފައި އޮތަސް ޒާއިރާއަށް އަޑު އިވެއެވެ. އަދި ރީތިކޮށް ތަންތަން ފެނެއެވެ. އޭނާ އޮތީ ދެލޯ ހުޅުވާލައިގެންނެވެ. ޒާއިރާއަށް ސަމާލުވެވުނީ އޭނަގެ ނަމުން މީހަކު ގޮވައިލުމުންނެވެ. އެއީ ފިރިހެން އަޑެކެވެ. އެއަޑުގައި ބަޔާންކޮށް ކިޔައިދެވޭވަރަށް ވުރެ ގަދަ ދަމާބާރެއް އެކުލެވިފައި ވިއެވެ. އެއީ ކަންފަތަށް ފަސޭހަ ހިތްގައިމު މިޔުޒިކެއް ފަދަ އަޑެކެވެ. މީގެ ކުރިންވެސް އެ އަޑު އިވިފައިވާކަމަށް ހިތް ބުންޏެވެ. އެއީ ބީރައްޓެހި އަޑެއްކަމުގެ އިހުސާސެއް ޒާއިރާ އަކަށް ނުވިއެވެ.

އެހެންވިޔަސް ޒާއިރާގެ ނަމުން ގޮވައިލީ ކާކުކަމެއް ޒާއިރާއަކަށް ނޭނގެއެވެ. ހަރަކާތެއް ނެތިފައި ދެން ވެސް ޒާއިރާ އޮތީއެވެ. އުޑުތިލަމަތިންނެވެ. ދެއަތް މޭމަތިން ހުރަސްކުރެވިފައި ވެއެވެ. މޫނު ހުރީ ކުރިމަތީ ހުރި ފާރާދިމާއަށެވެ. ކުއްލިއަކަށް ފަނޑު ފަނޑުކޮށް މީހެއްގެ ސޫރަ ފާރުތެރެއިން ފާޅުވާން ފެށިއެވެ. އަދި މަޑުމަޑުން އެ ސޫރައިގެ ސިފަ ރަނގަޅަށް ހާމަވަމުން ދިޔައެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އެމޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޒާއިރާގެ ކުރިމަތީ ފެންނަން ހުއްޓެވެ. ފާރުގައި ބަހައްޓާފައިހުރި ފޮޓޯ ލޯގަނޑެއް ފަދައެވެ. އެކަމަކު އެއީ ފޮޓޯ ލޯގަނޑެއް ނޫނެވެ. ފާރުގައި މޮޅު ކުރެހުންތެރިއަކަށް ވެސް އެފަދަ ފުރިހަމައަށް އެއްވެސް ކުރެހުމެއް ކުރަހައެއް ނުލެވޭނެއެވެ. އެހާ ވެސް އެ ސޫރަ ފުރިހަމައެވެ. އެއީ ޒާއިރާއަށް މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ފިރިހެން ސޫރައެވެ. އުނީ ކޮން ސިފައެއްކަމެއް ރީތި ނޫނީ ކޮންކަމެއްކަމެއް ބުނާކަށް ޒާއިރާއަކަށް ނޭނގެއެވެ. ޔަގީނުންވެސް އެނގޭ ކަމަކީ ކުރެހުމަކުން ނުވަތަ ފިލްމަކުން ނުވަތަ އެއްވެސް ތަނަކުން ފެނުނު ފޮޓޯއަކުން ވިޔަސް މިފަދަ ހިތަށް ވާން ކުރުވި ސޫރައެއް ޒާއިރާ މީގެ ކުރިން ދެކެފައި ނުވާކަމެވެ.

އެ އަސަރުގަދަ ދެލޮލުން ޒާއިރާއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރުމުން ޒާއިރާގެ މުޅި ވުޖޫދަށް އޭގެ ބާރު ފޯރިއެވެ. ޒާއިރާއަށް ހިނިތުން ވެލެވުނެވެ. ޔަގީނުންވެސް އެ ސޫރަ ޒާއިރާއަކަށް ހީނއެއް ނުލައެވެ. އެ ސޫރަ އޭގެ ގޮތުގައި ފާޅުވެފައި ހުރީ ކިހާ އިރަކަށް ކަމެއް ބުނާކަށް ޒާއިރާއަކަށް ނޭނގެއެވެ. އެނގޭކަމަކީ އެ ދެމެދުގައި މާގިނަ ވަގުތުތަކެއް ނުހިނގާކަމެވެ. އަނެއްކާވެސް ފާރުގެތެރެއަށް އެސޫރަ ފޭދިގެން ދިޔައީއެވެ. ޒާއިރާގެ ލޯމަތީގައެވެ. އެކަމަކުވެސް ޒާއިރާ ބިރެއް ނުގަނެއެވެ. އެހެން ހިތަކަށް ވެސް ނާރައެވެ. އަނެއްކާ ވެސް ޒާއިރާ ފުންނިންޖަކަށް ގެނބިގެންދިޔައީއެވެ.

ފަތިސްނަމާދު ވުމުގެ މާކުރިން ޒާއިރާއަށް ހޭލެވިއްޖެއެވެ. އޭރު ގަޑިން ހަތަރުގަޑި ކޮންމެވެސް ވަރެކެވެ. ޒާއިރާ ފޯނު ބެލީތީ އެކަން ކަށަވަރެވެ. އޭރު ޒާއިރާ އޮތީ ވަރަށްބޮޑަށް ފެންބޮވައިގެންފައެވެ. އެނބުރިލާފަ ކުރީރޭ ކޮޓަރިއަށް ވެއްދި ފެންފުޅި ހުސްނުވެ ހުރިތޯ ބަލައިލިއެވެ. އެކަމަކު ފުޅި ވެސް އެތާކު ނެތެވެ. އެހެންކަމުން ފެންފޮދެއް ބުއިމުގެ ބޭނުމުގައި ކޮޓަރިން ބޭރަށް ނިކުތެވެ. އަދި ކާބަޔަށް ގޮސް އަލަމާރިން އައިސް ފެންފުޅިއެއް ނަގާ ތައްޓަކަށް ފެން އަޅައިލިއެވެ. އަލުން ފެންފުޅި އައިސް އަލަމާރިއަށް ލިއެވެ. އަދި ކައިރީގައި ހުރި ގޮނޑީގައި މަޑުމަޑުން އިށީނދެ ފެންފޮދު ބޮމުން ދިޔައެވެ. ފުރަތަމަ ފެންފޮދާ އެކު ވެސް އޭނަގެ އެތެރެހައްޓަށް ފިނިވެގެން ދިޔައެވެ.

ފެންތަށި ހުސްވުމުން ތަށި ބަހައްޓާފައި ޒާއިރާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އެހެންނަމަވެސް އޭރު ދެން ނިދި ފިލާފައިވުމުން ހިތަށް އެރީ ބޭރު ޖޯލީގައި އިރުކޮޅަކު އޮވެލުމަށެވެ. އޭރުން ނުލާހިކު އަރާމުވާނެއެވެ. ފަތިސްވަނީ ވިއްޔާއެވެ.

ޖޯއްޔާ އުނދޯލި ހުންނަނީ މައިގޭގެ ބޮޑުދޮރުގެ ދެފަރާތަށް ވާގޮތަށް ހިޔާކޮށް މުށިޖަހާފައިވާ ތަންކޮޅުގައެވެ. ޖޯލީގައި އޮތަސް އަދި އުނދޯލީގައި އޮތަސް ސީދާ މޫނު ހިއްލާލައިގެން އުޑުމައްޗެއް ނުފެންނާނެއެވެ. އުޑުމަތި ފެންނާނީ ކޮންމެވެސް އަރިމައްޗަކުންނެވެ. ވަށައިގެން ބަންދު ކޮށްފައި ނުހުންނާތީއެވެ.

ޒާއިރާ އޮށޯތީ ގެއާ އެންމެ ކައިރީގައި ހުރި ޖޯލީގައެވެ. ފަތިސްގަޑިއަށް ވުމުން ބޭރު ފުދޭވަރަކަށް ފިންޏެވެ. ކޮންމެވެސް ވަރަކަށް ވައިރޯޅި ވެސް ޖެހޭތީއެވެ. ޖޯލީގައި އޮށޯވެ ހަމަޖެހި ނުލެވެނީސް ޒާއިރާއަށް ފެނުނީ މީހަކު އެ ދިމާއަށް ހިނގާލާފަ އަންނަތަނެވެ. އެ ގޭގެ ފާރަކީ ހަތަރުވަރަކަށް ފޫޓް އުސްކޮށް ރާނާފައިވާ ފާރަކަށް ވުމުން ބޭރު މަގުމަތި ރަނގަޅަށް ފެނެއެވެ. އޭނާ އަންނަނީ އެދިމާއަށްކަން ޒާއިރާއަށް ކަށަވަރުވީ ވެސް އޭނަގެ މޫނު އެދިމާއަށް ހުރުމުންނެވެ.

"އަޅެ، މި ގަޑީގައި ކާކުބާ! ފަތިސްނަމާދަށް މިސްކިތަށް ދާމީހެއްބާ!" ޒާއިރާ އޮތްގޮތަށް ހިރިވެސް ނުލާ އޮތެވެ. ފަހަރެއްގައި ޒާއިރާއަށް އެމީހާގެ ފަރާތުން ގެއްލުމެއް ވެސް ލިބިދާނެއެވެ. ފަހަރެއްގައި ދަމާ ކޫއްތާ އެއްފަރާތަކަށް ގެންގޮސް.... ޒާއިރާއަށް އައި ޚިޔާލަކުން މީހާ ބިރުން ތުރުތުރު ލައިގަތެވެ. ދުވެފައި ގޮސް ސިޓިންގރޫމަށް ވަންނާނީއޭ ވެސް ޒާއިރާގެ ހިތަށް އެރިއެވެ. އޭރުން އޭނާ ވާނީ ވަރަށް ފިނޑިމީހަކަށެވެ. އެހެންވީމާ ވާގޮތެއް ބަލަން އޮންނާނީއެވެ. ގައިމު އެހެންމީހުންވެސް މިމަގުން މިސްކިތަށް ދާނެތާއެވެ. މިކަހަލަ އެކިކަހަލަ ޚިޔާލުތަކެއްގައި އޮތްވާ ޒާއިރާއަށް ސިހުން ލިބުނީ އެމީހާ އައިސް އެގޭގެ ގޯތިތެރެއަށް ވަންނަ މަގުފާރުގެ ދޮރުމަތީ މަޑުކޮށްލިތަން ފެނުމުންނެވެ. އޭރު ޒާއިރާ އޮތީ އެމީހަކު އެގޭގެ ފާރުތެރެއަށް ވަންނަންޏާ ދުވެ ގޭތެރެއަށް ވަންނަން ތައްޔާރު ވެގެންނެވެ.

ޒާއިރާއަށް ފުންމައިގެން ތެދުވެ އިށީނދެވުނެވެ. އެމީހާ އިތުރަށް ކައިރިއަށް އަންނާކަށް ނޫޅެއެވެ. ޒާއިރާއާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އެމީހާގެ ހަމަހިމޭންކަމުން އުދަނގޫވެގެން އެންމެފަހުން ކޮންމެވެސް އެއްޗެކޭ ބުނެލަން ޒާއިރާ ހިތަށް އެރިތަނާ އިވުނީ އެމީހާގެ އަޑެވެ.

"ބިރެއް ނުގަނޭތަ ތިހެން އޮންނަން!" އެ އަޑުގައި ބިރުވެރިކަމެއް ހުރިކަމުގެ އިހުސާސެއް ނެތެވެ. ބަދަލުގައި ހުރީ ރައްޓެހިކަމެވެ. ވިސްނައިދޭ ރާގެވެ. އެކަމަކުވެސް ޒާއިރާ ވާހަކަ ދައްކަން ގަސްދު ނުކުރާ ކަހަލައެވެ.

"ދޭ ނިދަން!' އަނެއްކާވެސް އެމީހާ ވާހަކަ ދެއްކިއެވެ. މިފަހަރު އެ އަޑުގެ ރާގު ތަފާތެވެ. އެއީ އެމީހާ ޒާއިރާއަށް ކުރި އަމުރެކެވެ. އެކަމަކުވެސް ޒާއިރާ ކިޔަމަންތެރިކަމާ އެކު ތެދުވެގެން އެތެރެއަށް ވަދެގެން ދިޔައީއެވެ. ސިޓިންގރޫމުގެ ދޮރު ލައްޕައިލުމުގެ ކުރިން ޒާއިރާ އެނބުރި ބަލައިލިއެވެ. އެމީހާ ހުރިގޮތަށް ހުރިތަނުގައި އަދި ވެސް އެބަހުއްޓެވެ. ހާދަ މާތްމީހެކެވެ. އެއީ ޒުވާން އަޑެކެވެ. އެކަމަކުވެސް އެ މޫނު ސާފުކޮށް ނުފެންނާތީ އެއީ ކިހާ އުމުރުގެ މީހެއްކަމެއް ނޭނގުނެވެ.

އެ ރެއަށްފަހު ކޮންމެ ރެއަކު ވެސް ޒާއިރާއަށް އެމީހާ އެގަޑީގައި އެތަނުން ފެންނަން ފަށައިފިއެވެ. ޒާއިރާއަށް ވެސް އެތަނަށް އެގަޑީގައި ނިކުމެވޭތީއެވެ.

ތިންވަނައަށް ދިމާވި ރޭ ޒާއިރާ ހުރީ ނިކުމެ ދޮރާށީގެ ކުރިމަތީ ހުއްޓިގެންނެވެ. އޭރު އެމީހާ ވެސް އައިސް މަޑުކޮށްލަނީއެވެ. އެމީހާ ފެނުމުގެ ކުރިން ވެސް ޒާއިރާގެ ހިތް ޒާއިރާ ކައިރީ ބުނަމުން ދިޔައީ މިރޭ ވެސް އެމީހާ އަންނާނެ ކަމަށެވެ. އަދި ހިތް އެދި ގޮވަމުން ދިޔައީ އެމީހާ ދެކިލުމަށެވެ. ތަންކޮޅެއް ކައިރިންނެވެ. ޒާއިރާއަށް ކުރިން ނިކުމެވުނީ އެހެންވެގެންނެވެ.

"އޯހް! ޒާއިރާގެ އަނގައިން ބޭއިޚުތިޔާރުގައި ބޭރުވި އާހްގެ އަޑާއެކު ޒާއިރާއަށް ފަހަތަށް ޖެހެވުނެވެ. ސިހިގެންނެވެ.

އެމިހާ ހިނިތުންވެލަމުން އައިސް ޒާއިރާއާ ވަރަށް ގާތުގައި މަޑުކޮށްލިއެވެ. ޒާއިރާއަށް ފިޔަވަޅެއް ފަހަތަށް އަޅައިލެވުނެވެ.

"އަހަރެންގެ އިންތިޒާރުގައިތަ!" ހީނލަމުން އެމީހާ އެހެން އެހީ ލައިގެންހުރި އައިސްބުލޫ ޖިންސްގެ ދެޖީބަށް އަތް ޖަހާލަމުން ދެ ކޮނޑު ކުޑަކޮށް ހިއްލާލަމުންނެވެ. ހީވާގޮތުން ފަތިސް ގަޑިއަށް ވުމުން ބޭރުގައި އުޅުނީމަ އޭނާއަށް މާ ބޮޑަށް ފިނިކަން އިހުސާސްވީއެވެ. މިއީ މިގޮތަށް އޭނާ ހީނލި ފުރަތަމަ ފަހަރެވެ.

"އުހު! ނޫން... ކީއްވެ!" ޒާއިރާއަށް އެއް ފަހަރާ އެތައް ޖަވާބެއް ދެވުނެވެ.

"މިކްޔާއީލް!" ކަނާތް ޖީބުން ދަމާގަންނަމުން ޒާއިރާއާ ދިމާއަށް އޭނާ ދިއްކޮށްލިއެވެ. ސަލާމް ކުރުމަށެވެ. ޒާއިރާއަށް ބަލައިލެވުނީ އެ އަތަށެވެ. ހެޔޮވަރު ވަރަކަށް އިސްތަށިފަޅާފައިވާ އެ އަތުގައި އުނީ ކޮންކަމެއް ހެއްޔެވެ! ހިތްގައިމު ރީތި އިނގިލިތަކެކެވެ. އަތްތިލަ ބޮޑެވެ. ޒާއިރާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތި އަތުގެ އިނގިލިތަކުގެ ނިޔަފަތިތަކެވެ. އާދަޔާޚިލާފަށް އެ ނިޔަފަތިތައް ހުދެވެ. ހުރީ ރީތިކޮށް ކަނޑާލާފައެވެ. ޒާއިރާގެ އަތް މިކްޔާއީލް ގެ އަތާ ދިމާއަށް ގެންދެވުނީ އިޚުތިޔާރަކާ ނުލައެވެ. މަޑުމަޑުން އެ އަތުގައި ހިފާ ޒާއިރާ ސަލާމް ކޮށްލިއެވެ.

"ޒާއިރާ!" ޒާއިރާ ވެސް ތަޢާރަފް ވެލިއެވެ.

"އެކަމަކު ... މިކްޔާއީލް... ވަރަށް ތަފާތު ނަމެއް .. ދޯ!" ޒާއިރާގެ އަޑުގައިވަނީ ހައިރާންކަމެވެ.

"އަހަރެން ވެސް ތަފާތު ވާނެ!" ހުދު ދަތްތައް ފެންނަވަރަށް ހީނލަމުން މިކްޔާއީލް ޖަވާބު ދިނެވެ. މިފަހަރު އެ ހުނުމުގެ ސަބަބުން ޒާއިރާއަށް އިތުރު ކަމެއް ވެސް ފާހަގަ ކުރެވުނެވެ. ހުނުމުގެ ސަބަބުން މިކްޔާއިލްގެ މޫނަށް އައި ބަދަލެވެ. ދެލޯ ކުޑަކޮށް ކުޑަވެލާފަ ދެ ކޮލުން ފާޅުވި އަޑިކޮޅެވެ. އަދި މޫނުމަތީގެ ސިފަޔާ ބައްޓަމަށް އައި ހިތްގައިމުކަމެވެ. އެ ވަގުތު ކޮންމެވެސް ތަނަކުން މި ސިފަ ދެކެފައިވާކަމަށް ޒާއިރާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

[ނުނިމޭ]