ހުޅުމާލޭގައި 2 މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާ ހަވާލުކޮށްފި ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ އެއީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކަތަކާއި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތް ކަމަށެވެ.

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މި ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.

މީގެއިތުރުން މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެއްކަމަށާއި އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.