ލިޔުނީ: އަޒްހީން

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ފެނަކައާއި ސްޓެލްކޯ ގުޅިގެން ހައްލުކޮށް މުޅި ރަށަށް ރޭ ކަރަންޓު ދީފިއެވެ.

މުޅި ކުދުއްފުށި ސިޓީއިން ކަރަންޓް ޚިދުމަތް ކަނޑައިގެން ދިޔައީ އިއްޔެ ހެނދުނު 9:15 ހާއިރުއެވެ. ކަރަންޓު ކަނޑައިގެން ދިޔައީ އެ ސިޓީއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުންނެވެ. މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވުނީ ރޭ 8:10 ހާއިރުއެވެ.

މިމައްސަލަ ހައްލު ކޮށްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކު، ފެނަކައިގެ އެދުމަށް ސްޓެލްކޯގެ މެކޭނިކަލް އަދި އިލެކްޓިރިކަލް އިންޖިނިއަރުން ހިމެނޭ ޓީމަކުން ކުޅުދުއްފުއްޓަށްގޮސް ދެ ކުންފުނިން ގުޅިގެން ކުރި މަސައްކަތުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުޅުދުއްފުށްޓަށް ދިމާވި ކަރަންޓު މައްސަލަ މިހާރު މިވަނީ ހައްލު ކޮއްފައެއެވެ. މިގޮތުން ސިޓިގެ ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ނުދެވެމުން ކޮންމެ ދުވަހަކު އެކި ސަރަހައްދުތަކުން ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހިފައި ވެއެވެ. މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށި ސިޓީއަށް 800 ކިލޯ ވޯޓުގެ ޖެނެރޭޓަރެއް ގެނެސް ވަނީ އިންސްޓޯލްކޮށްފައިވެއެވެ.